މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނެއްގައި އެރަށު ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހދ.ކުޅުދުއްފުށީ ފަރުދާގޭ އަބުދުﷲ ޒިޔާދު (41އ) އެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި އޭނާއަކީ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި އަމުރަށް ނުކިމަންތެރިވުމުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގަ ކަމަށް ފުލުހުން މައުލާމާތުދެ އެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެތީގެ ދެ ބާވަތަކަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ފުލުހުން އިތުރަށް މައުލޫމާތުދިނެވެ.
މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށީ ފަރުދާގެ ބަލައިފާސްކުރިކުރުމުން އެގޭތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓާއި -/2000 ށްވުރެ ރުފިޔާ ފެނިފައިވާ ކަމަށާއި އެގޭތެރެއިން ފޯނުތަކަކާއި ސާޖިކަލް ބްލޭޑްތަކެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ދަނީ ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންނެވެ.