twitterviber whatsapp telegramfacebookyoutube instagram
27th April 2024

މޫސުން ގޯސްވެދާނެ ކަމަށް ބެލެވޭތީ ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި

Sep 27, 2014

ކުރިޔަށް އޮތް 24 ގަޑިއިރުތެރޭގައި ރާއްޖޭގެ މޫސުން ގޯސްވެ ވިދާ ގުގުރައި ގަދަވަޔާއެކު ވާރޭވެހޭނެކަމަށް މޫސުމާބެހޭ އިދާރާއިން އާއްމުކޮށްފައިވުމާއެކު ހުރިހާ ފަރާތަކުންވެސް އެކަމަށް ސަމާލުކަންދީ ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފި އެވެ.

މޫސުން ގޯސްވެ ކަނޑުގަދަވެއްޖެނަމަ ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވާ ކަމުގެ ޔަގީންކަން ހޯއްދެވުމަށްފަހުނޫނީ ދަތުރަށް ނުފެއްޓުމަށް ފުލުހުން އިލްތިމާސްކޮށްފައިވާއިރު ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ ފުރިހަމަ މައުލޫމާތު ހޯދައި ރޭގަނޑުގެ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މިގޮތުން ކުރާ ދަތުރުތަކުގައިވެސް ރައްޔިތުންނާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ދަތުރު ކުރެއްވުމަށް ފުލުހުން ވަނީ ގޮވާލައިފަ އެވެ.

ވިއްސާރަވެ މަގުމަތީގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި މަގު މަތީ ހިނގާ މީހުންނާއި އެއްޗެތި ދުއްވާ ފަރާތްތަކުންވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ހާއްސަކޮށް ފެންހެދިފައި އޮންނަ މަގުތަކުގައި ބާރު ސްޕީޑުގައި ދުއްވުމަކީ ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެ ދުއްވާ މީހާ އަށާއި މަގު ހިނގާ މީހުންނަށް އަދި ދުއްވާ އުޅަނދަށްވެސް ބޮޑެތި ގެއްލުންތަކެއްލިބި އިއާދަ ނުކުރެވޭފަދަ ގެއްލުމަކާ ކުރިމަތި ވެދާނެކަމެއްކަމަށް ވާތީ އެކަންކަމަށްވެސް ރައްޔިތުން ސަމާލުވެ ތިބުމަށްވެސް ފުލުހުން ވަނީ ގޮވާލާފަ އެވެ.

އަދި މޫސުން ގޯސްވާ ވަގުތުތަކުގައި ކުރާ ދަތުރުތައް ފެށުމުގެކުރިން އެދަތުރާބެހޭ މައުލޫމާތު ކޯސްޓްގާޑަށާއި ފުލުހުންނަށް ހިއްސާ ކުރެއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355