ޖަލާލުއްދީން ސްކޫލްގެ ވޭތުވެދިޔަ އަހަރު ސާނަވީން ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު އަނާން ފަރީދު އަދި މަތީ ސަނަވީން ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހުމައިދު އަލީ ހޯދައިފި އެވެ.
މިރޭ ޖަލާލުއްދީން ސްކޫލް ހޯލްގައި ބޭއްވި އެ ސްކޫލްގެ އިނާމު ދިނުމުގެ ހަފުލާގައި އަނާން އާއި ހުމައިދުއަށް ވަނީ ރައީސުލްޖުމަހޫރިޔާ ދެއްވާ ހާއްސަ އިނާމާއި އެޑިއުކޭޝަން މިނިސްޓްރީންނާއި ޖަލާލުއްދީން ސްކޫލުންނާއި އަތޮޅު ކައުންސިލުން ދެއްވި ހާއްސަ ޓްރޮފީތައް ވަނީ ހަވާލުކޮށްފަ އެވެ.
ހުމައިދު އަލީ ރާއްޖޭގައި ނެތުމުން އޭނާގެ ހުރިހާ އިނާމަކާ ހަވާލުވީ އޭނާގެ ބައްޕަ އެވެ.
ކިޔެވުމާއި އިތުރު ހަރަކާތްތަކުގެ އިތުރުން އަހުލާގީ ގޮތުން އެންމެ ފާހަގަ ކޮށްލެވޭ ދަރިވަރަށް ވުމުގެ އިތުރުން އަނާން ވަނީ ރަށު ގުރުއާން މުބާރާތުން އެއްވަނަ ހާސިލްކޮށްފަ އެވެ. އަދި ހުމައިދު ވަނީ އޭލެވެލް އިމްތިހާނުން ހިސާބުންނާއި އިސްލާމުން ރާއްޖޭގެ އެއްވަނަ ހޯދާ އެޑެކްސަލް ހައި އެޗީވާސްގެ އެވޯޑް ހޯދާފަ އެވެ.
މިދިޔަ އަހަރު ސާނަވީ އިމްތިހާނުން 1 ވަނަ ހޯދި އަނާން ފަރީދު އިނާމާއި ހަވާލުވަނީ
މި ހަފުލާ ޝަރަފުވެރިކޮށްދެއްވި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕާމަނެންޓް ސެކްރެޓްރީ ޑރ.އަބުދުލް މުހުސިން މުހައްމަދު ދެއްކެވި ވާހަކަފުޅުގައި ސްކޫލްގައި ކިޔަވަމުންދާއިރު މޮޅަށް ކިޔެވުމުގެ އިތުރުންދިރިއުޅުމަށް ކުރާނެ މަސައްކަތެއް ވިސްނާ އެ ކުއްޖަކު ހާސިލުކުރާނެ އަމާޒެއް ކަނޑައެޅުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވި އެވެ.
ސްކޫލްގެ 99 ދަރިވަރަކު އެކިއެކި އިނާމްތައް ހާސިލްކޮށްފައިވާއިރު އޯލެވެލްގެ ހާއްސަ މަގާމުތައް 16 ދަރިވަރަކު ހާސިލު ކޮށްފައިވެ އެވެ. އަދި އޭލެވެލްގެ ހާއްސަ މަގާމުތައް 18 ދަރިވަރަކު ހާސިލްކޮށްފައިވާއިރު 7 ދަރިވަރަކަށް ސްކޫލަށް ކާމިޔާބީ ހޯދައިދީފައިވާތީ ހާއްސަ އިނާމުތަކެއް ދީފައިވެ އެވެ.
އެންމެ މޮޅު ހައުސަކަށް ސަފާޔާ ހައުސް ހޮވިފައިވާއިރު އެކަޑަމިކް އަދި ކޯ ކަރިކިއުލަރ ގޮތުންވެސް އެއްވަނަ ހޯދާފައިވަނީ ސަފާޔާ ހައުސް އެވެ.
465 ދަރިވަރުން ތައުލީމު ހާސިލްކުރި 2013 ވަނަ އަހަރުގެ އިނާމު ދިނުމުގެ މި ހަފުލާގައި އިނާމުތައް ހަވާލުކޮށްދީފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބުރާހިމް މުހައްމަދާއި ޖަލާލުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަދި މިހާރު ވިލާ ހައި ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހުމަދާއި ހަފުލާގެ ޝަރަފުވެރި މެހެމާން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕާމެނެންޓް ސެކްރެޓްރީ ޑރ.އަބުދުލް މުހުސިން މުހައްމަދެވެ.
މި ހަފުލާގައި ކުޅުދުއްފުށީގައި ހުންނަ ސްކޫލުތަކާއި މުވައްސަސާތަކުގެ ވެރިންނާއި އަތޮޅު އަދި ރަށު ކައުންސިލްގެ މެމްބަރުނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ ބައިވެރިވެފަ އެވެ.
[yass cats=119]