ހަގީގަތެއް ނެތް ވާހަކަތައް ފާރުތަކުގައި ލިޔެ އެ ވާހަކަތައް ފެތުރުމަކީ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން “ހަޖަމްކުރަން” އުނދަގޫ ކަމެއް ކަމާއި އަމިއްލަ ހައިސިއްޔަތުން ދެކޭ ގޮތުގައި އެއީ ކުޅުދުއްފުށީގެ އިޖުތިމާއީ ފޭރާން ބަލިކަށިވެފައިވާ ކަމެއްކަން ދައްކުވައިދޭ ކަމެއް ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ މަގުތަކުގެ ފާރުތަކުގައި ރަށު ކައުންސިލަރުންނަށް ފާޑުކިޔާ ޝުއޫރުތަކެއް ލިޔެފައިވާ މައްސަލައާ ބެހޭ ގޮތުން “ކުޅުދުއްފުށީ އޮންލައިނާ” ވާހަކަ ދައްކަވަމުން ރަށު ކައުންސިލްގެ ރައީސް ވިދާޅުވީ އެ ޝުއޫރުތަކަކީ ހަގީގަތެއް ހިމެނޭ އެއްޗެއް ނޫން ކަމަށާއި އެއީ ވަރަށް ދަށު ފެންވަރުގެ ކަމެއް ކަމަށެވެ.
ކައުންސިލްގެ މެމްބަރުންނާ ބެހޭގޮތުން ފާރުތަކުގައި ޝުއޫރުތަކެއް ފާޅުކޮށްފައި ވަނީ ކައުންސިލުން ދީނީ ކަންކަމަށްވުރެ ކުޅިވަރަށް އިސްކަންދޭ ކަމަށް ބުނެ އެވެ.
އެހެންނަމަވެސް ކައުންސިލްގެ ރައީސް ވަނީ މި ކަން ހަރުކަށި އިބާރާތުން ދޮގު ކޮށްފަ އެވެ. ރައީސް ވިދާޅުވީ ސްޓޭޑިއަމުގައި އެއް ޖަމައާތެއްގައި އަޟްހާ އީދު ނަމާދު ކުރުމަށް އެހެން ފަހަރުތަކެކޭ އެއްގޮތަށް ކައުންސިލުން އެއްބާރުލުން ދެމުންދާ ކަމަށެވެ. އެގޮތުން އިމާމެއް ހަމަޖައްސައިދިނުމާއި އިމާމަށް އެލަވެންސް ދިނުމާއި ސްޓޭޑިއަމުގައި ނަމާދު ކުރާނެކަން އިއުލާންކޮށްދިނުންފަދަ ކަންކަން ކޮށްދޭން މިއަހަރުވެސް އެއްބަސްވެފައިވާނެ ކަމަށެވެ.
އެއް ޖަމާއަތުގައި ނަމާދުކުރުމަށް އިސްނަގައިގެން އުޅޭ ފަރާތުން ކައުންސިލުގައި އެދުނީ “ފިޒިކަލީ” އެއްބާރުލުންދޭ ކަމަށާއި އެއީ ކައުންސިލަށް މި ވަގުތުކުރަން ފަސޭހަ ކަމެއް ނޫން ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ. އަދި އެމީހުން “ޑިމާންޑް”ކުރީ ކައުންސިލްގެ މުވައްޒަފުން ނެރެ އެތާނގައި މަސައްކަތް ކުރުމަށާއި ޕޮލިހާއި ސިފައިންނަށް ކައުންސިލުގެ ނަމުގައި ސިޓީ ފޮނުވާ އެ މަސައްކަތަށް އެމީހުންވެސް ނެރެން ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ކައުންސިލަށް އެގޮތަށް އަމަލުކުރުމަށް ނާންގާ ހިނދަކު ކައުންސިލަށް އެގޮތަށް އަމަލުކުރެވެން ނެތްކަމަށާއި ނަމަވެސް އިސްލާމްދީނަށް ފުށުނާރާ އިޖުތިމާއި ކޮންމެ ކަމެއްގައިވެސް ކައުންސިލަށް ދެވެން އޮތް އެއްބާރުލުމެއްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
އީދު ކުޅިވަރު ކުޅުމަށްވެސް ކައުންސިލުން އަންގާފައިވަނީ އިސްލާމްދީނަށް ފުށުނާރާ ގޮތަށާއި ސަގާފީ ހަމަތަކުން ބޭރު ނުވާ ގޮތަށް ކަމަށާއި ކައުންސިލްގެ އެންގުންތަކާއި ހިލާފުވާނަމަ އެކަންކަމަށްވެސް ކައުންސިލްގެ އެއްބާރުދިނުން ހުއްޓާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިހާރު ކައުންސިލްގެ މެމްބަރުންވަނީ އީދު ނަމަދު އެއް ޖަމާއަތުގައި ކުރަން އިސްނަގާފައިވާ ފަރާތަށް ދިނުމަށް އެއްބަސްވެފައިވާ އެއްބާރުލުންވެސް ނުދޭން ނިންމާފަ ކަމަށާއި ދީނީ ކަންކަން ކުރުމަށް އުޅޭ ފަރާތަކުން އެފަދަ އަމަލުތައް ހިންގުމަކީ ވަރަށް ދެކޮޅު ނުޖެހޭ ކަމެއް ކަމަށްވެސް ކައުންސިލްގެ ރައީސް ނިންމާލަމުން ފާހަގަކުރެއްވި އެވެ.
ކައުންސިލްގެ ރައީސް މިފަދައިން ވާހަކަ ދައްކަވާފައިވާއިރު އީދު ނަމާދު ހުސްބިމެއްގައި އެއް ޖަމާއަތެއްގައި ކުރުމަށް މަސައްކަތް ކުރަމުން އަންނަ ހުސެއިން އަލީ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ކައުންސިލުން ކުޅިވަރަށް ކުރާ ހޭދައާއި ވެދެއްވާ އެހީތެރިކަން ދީނީ ކަންކަމަށްވެސް ވެދެއްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލުން ކުރިން ބުނެފައިވާގޮތަށް މިކަމަށް އެއްބާރުލުންދޭނެ ކަމަށް އުއްމީދުކުރާ ކަމަށާއި ސަރުކާރު މުއައްސަސާތަކާއި އަމިއްލަ ފަރުދުންވެސް މިއީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށް ދެކިގެން މިކަމަށް ވެދެވެން އޮތް އެހީތެރިކަމެއްވެ ދެއްވުމަށް ހުސެއިން ވަނީ އެދިފަ އެވެ.