މި އަހަރުގެ އަޟްހާ އީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ ސްޓޭޖް ހަރަކާތަށް ކުޅުދުއްފުށީ ކައުންސިލުން 30000ރ. ގެ އެހީތެރިކަމެއް ވެދީފައިވާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ މިއީ އެ ކައުންސިލްގެ ދައުރުގެ ތެރޭގައި އަންނަ ފުރަތަމަ ބޮޑު އީދު ކަމަށްވެފައި އެ ކައުންސިލަކީ އަބަދުވެސް އިޖުތިމާއީ ކަންކަމުގައި ދެވެން އޮތް އެއްބާރުލުމެއް ދެމުން އަންނަ ކައުންސިލަކަށް ވާތީ އެތައް ގިނަ ހަރަދެއް ހިނގާ ސްޓޭޖް ހަރަކާތަށް 30000ރ. ގެ އެހީތެރިކަމެއް ކައުންސިލުން ވެދެއްވީ ކަމަށެވެ.
އެ އަދަދަކީ މިހާބޮޑު އާބާދީއެއްގައި އީދު ފާހަގަކުރުމަށް ބޮޑު އަދަދެއް ނޫން ކަމަށާއި އެއީ ބޮލަކަށް ބަލާނަމަ ވަރަށް ކުޑަ އަދަދެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އީދުގެ ހަރަކާތްތައް ހިންގާއިރު އިސްލާމްދީނާ ފުށުއަރާ ގޮތަށް އަންހެނުންނާއި ފިރިހެނުން މަސްހުނިވެ އަންހެނުން ފިރިހެން ހެދުން ލައި ފިރިހެން އަންހެނުންގެ ހެދުންލުން ފަދަ ކަންކަން ނުކުރުމަށް އަންގާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކައުންސިލްގެ އެންގުންތަކާއި ހިލާފުވާނަމަ އެއްބާރުލުން ދިނުން ހުއްޓާލައި އަންނަ އަހަރު އެއްވެސް އެއްބާރުލުމެއް ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކައުންސިލަކީ ވަކި ބަޔަކަށް ވަކި ގޮތެއް ހަދާ ކައުންސިލެއް ނޫން ކަމަށާއި އިޖްތިމާއީ ކޮންމެ ކަމެއްގައިވެސް ކައުންސިލުން އެއްބާރުލުންދޭނެ ކަމަށް އަލީ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދަމު ހިނގުން ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ހަރަކާތުގައިވެސް ފިރިހެނުން އަންހެން ހެދުންލައި އަންހެނުން ފިރިހެން ހެދުން އެޅުން މަނާ ކުރާ ކަމަށެވެ.
އަދި އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަށި މާލި ޕެރޭޑަށް ކައުންސިލުން ވަނީ 3000ރ. އެހީތެރިކަމެއް ވެދެއްވާފައި ކަމަށާއި އެއީ އާންމުކޮށް އިޖުތިމާއީ ކަންކަމަށް ކައުންސިލުން ހަރަދުކުރާ ވަރު ކަމަށްވެސް އަލީ ވިދާޅުވި އެވެ.
އަދި އީދު ކުޅިވަރުގެ އެކި ހަރަކާތްތަކުގައި ފައިސާގެ ގޮތުން ދަތިވެއްޖެ ހާލަތެއްގައި ބައެއް ބިލްތައް “އެޖަސްޓް”ކުރުމަށް އެއްބަސްވެފައިވާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އިޖުތިމާއީ ކަންކަމަށް ކައުންސިލުން އެއްބާރުލުންދޭނެ ކަމަށް ބުނެފައިވާ މި ދަނޑިވަޅަކީ ދީނީ ކަންކަމަށްވުރެ ކުޅިވަރަށް ކައުންސިލުން އިސްކަންދޭ ކަމަށް ބުނެ ކައުންސިލަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްކަން ފާހަގަކޮށްލެވެ އެވެ.
މި އަހަރުގެ ބޮޑު އީދުގެ ސްޓޭޖް ހަރަކާތައް މަޝްހޫރު ގިނަ ބޭންޑްތަކެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.