ކުޅުދުއްފުއްޓަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން 14 މިލިއަން ރުފިޔާގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިއްޖެ އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކުރުމަށް މާލެ ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީއަށާއި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަށެވެ.
14 މިލިޔަން ރުފިޔާގެ މި މަޝްރޫއުގެ ފައިދާ ކުރިޔަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ތާރިގް އިބްރާހިމް ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ އެމްޑީ އަހްމަދު އުމަރު ވިދާޅުވީ ކުޅުދުއްފުއްޓާއި ގދ.ތިނަދޫގައި ފެންބޮޑުވުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ވިސްނުނު ހައްލަކީ ބިމު އަޑީގައި ޓޭންކު ވަޅުލައިގެން ފެން ހިންދުން ކަމަށެވެ.
“މިއީ ތިމާވެއްޓާ ތަންކޮޅެއް ރައްޓެހި ގޮތެއް. ކުޅުދުއްފުށީގައި އަޖުމަ ބެލުމުގެ ގޮތުން ހަތަރު މަގެއްގައި ޓޭންކު ވަޅުލައިގެން ޓޭންކު މަތީގައި މަގު ހެދުމަށް. މި ޓޭންކުތަކަކީ ފެން އެޅިގެން ބިމުއަޑިއަށް މަޑުމަޑުން ފެން ފޭއްދިގެން ދާނެ ކަހަލަ ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީއެއް. މި ފެން ރައްކާ ކޮށްގެން ބޭނުން ކުރެވިދާނެ ފެން ބުއިމަށް ނޫން ހުރިހާ ކަމަކަށް ގަސްގަހަށް ފެން ޖެހުމަށް ނޫނީ އެހެން ކަމަކަށް. އެއް ގޮތަކީ ފެން ފޭއްދިގެން ދިއުން. ދެވަނަ ގޮތަކީ ފެން ރައްކާ ކުރެވޭ ގޮތަށް،” އުމަރު ވިދާޅުވި އެވެ.
އެމްއާރުޑީސީގެ އެމްޑީ އަހްމަދު ނަޒީމް ވިދާޅުވީ ކުޅުދުއްފުއްޓަކީ މިހާރުވެސް މަގު ހެދުމުގެ މަޝްރޫއެއް ކުރެވެމުންދާ ރަށެއް ކަމަށާއި މި ދެބައި އެކުގައި ކުރިޔަށް ގެންދިއުމަކީ ވަރަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރ ތާރިގް އިބްރާހީމާއި އެމްއާރުޑީސީގެ އެމްޑީ އިބްރާހިމް ނަޒީމާއި އެމްޑަބްލިއުއެސްސީގެ އެމްޑީ އަހްމަދު އުމަރެވެ.