ކުޅުދުއްފުށީގެ ރައްޔިތުންނަށް އުނދަގޫވެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ސައިކަލުތަކުގައި ސައިލެންސަރު ހަރުކޮށްފައިވާ ފަރާތްތައް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް އެފަދަ ސައިލެންސަރުތައް ބަދަލުކުރަން އެފަރާތްތަކުގައި ފުލުހުން އެދިއްޖެއެވެ.
ކުޅުދުއްފުށީގައި ދުއްވާ އެފަދަ ސައިކަލުތަކުގެ އަޑުގަދަވެ ރައްޔިތުންނަށް ބިރުވެރިކަމާ އުނދަގޫތައް ފޯރާކަމުގެ ޝަކުވާ ކުރަމުންދާތީ އެކަމުގެ ޙައްލެއް ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެފަދަ 15 ސައިކަލެއްގެ ވެރިފަރާތާ ވަނީ މަޝްވަރާކޮށް ސައިލެންސަރު ބަދަލު ކުރުމަށް ހުށަހަޅާފައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފާއިތުވި ސެޕްޓެމްބަރ މަހު ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ކުޅުދުއްފުއްޓަށް ވަޑައިގެން ކުޅުދުއްފުށީ ކައުންސިލާ ކުރެއްވި ބައްދަލު ވުމުގައި ކުޅުދުއްފުށީގައި ދުއްވާ ސައިކަލުތަކުގެ އަޑުގަދަވެ އެކަމުގައި ރައްޔިތުންނަށް ދަތިތަކެއް ފޯރަމުންދާކަމުގެ ޝަކުވާ ވަނީ ކައުންސިލުން ހުށައަޅާފަ އެވެ.
އެގޮތުން ކުޅުދުއްފުށީގައި މަސައްކަތްކުރައްވާ ފުލުހުންނާ ބައްދަލުކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މި މައްސަލަ ހައްލުކޮށްދެއްވުމަށް ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.