ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށީ ސްކޫލުތަކުން ބުނެފި އެވެ.
ގިނަ ސްކޫލުތަކުގައި މިއަދު ޓީޗަރުންގެ ދުވަސް ފާހަގަ ކުރަމުން ދާއިރު ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުން މިއަދު ހެނދުނު ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވާފަ އެވެ. އޭގެ އިތުރުން މިރޭ އެސްކޫލުގެ ޕީޓީއޭ ގެ ފަރާތުން ޓީޗަރުންނަށް ދެވޭ ހާއްސަ ކެއުމެއް އޮންނާނެ ކަމަށް އެސްކޫލުން މައުލޫމާތުދެ އެވެ.
އަމީރު އަމީން ސްކޫލުގެ އިތުރުން އަފީފުއްދީން ސްކޫލުގައި ވެސް މިއަދު ވަނީ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ އެސެންބްލީއެއް ބާއްވާފަ އެވެ. އަދި މިރޭ އެސްކޫލު ޓީޗަރުންގެ މެދުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެސް އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވި އެވެ. އޭގެ އިތުރުން ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި މެންދުރުގެ ހާއްސަ ކެއުމެއް އޮންނާނެކަމަށް އެސްކޫލުން މައުލޫމާތުދެ އެވެ.
ކުޅުދުއްފުށީ އިރުމަތި އަވަށު ޕްރީ ސްކޫލާއި ޖަލާލުއްދީން ސްކޫލުން ޓީޗަރުންގެ ދުވަސް ފާހަގަ ކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ. އެގޮތުން އިތުމަތި އަވަށު ޕްރީ ސްކޫލުން ވަނީ އެދުވަހު ބޭއްވި ހާއްސަ އެސެންބްލީގައި ޓީޗަރުންނަށް ހަދާނީ ފިލާ ހަވާލުކޮށްފަ އެވެ. އަދި އެދުވަހު ހަވީރު ވަނީ ޓީޗަރުންނަށް ހާއްސަކޮށް ކުޅިވަރުތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޖަލާލުއްދީންގައި ވެސް ވަނީ ހާއްސަ އެސެންބްލީއެއްގެ އިތުރުން އެސްކޫލުގެ ޕީޓީއޭގެ ފަރާތުން ޓީޗަރުންނަށް ހާއްސަ ސައިފޮދެއް އަރުވާފަ އެވެ.