މެޝިނަރީތައް ހަލާކުވެގެން މަސައްކަތް ހުއްޓިފައިވާ ކުޅުދުއްފުށީ ބަންޑާރަ މަގުގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވެއްޖެ އެވެ.
މި ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ނަޒީމް ވިދާޅުވީ ހަލާކުވެފައިވާ މެޝިނަރީތަކަށް ހައްލެއް ގެނެސްފައިވާނެ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މަސައްކަތް އަލުން ފެށޭނެ ކަމަށެވެ.
މަގުގެ މަސައްކަތް އަލުން ފެށުން ލަސްވެގެން ދިޔައީ މޫސުން ގޯސްވުމުން ކަމަށްވެސް ނަޒީމް ވިދާޅުވި އެވެ.
ބަންޑާރަ މަގުގެ މަސައްކަތް ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއްވެފައިވަނިކޮށް އެމްއާރްޑީސީއިން ޖުލައި މަހު ބުނެފައިވަނީ މަސައްކަތް ހުއްޓިފައިވަނީ މެޝިނަރީތައް ހަލާކުވެގެން ކަމަށެވެ. އަދި ހަފުތާއެއްގެ ތެރޭގައި މެޝިނަރީތައް މަރާމާތުކޮށް އަލުން މަސައްކަތް ފެށޭނެ ކަމަށް އޭރު ނަޒީމް ވިދާޅުވެފައިވެ އެވެ.
މި އަހަރުގެ މާރޗު މަހުގެ 14 ވަނަ ދުވަހު ބަންޑާރަ މަގުގެ މަސައްކަތް ފެށިފަހުން މިހާތަނަށް މަގުގެ މާ ބޮޑު މަސައްކަތެއް ކުރެވިފައި ނުވާކަން ފާހަގަ ކޮށްލެވެ އެވެ.