ކުޅުދުއްފުށީގައި އިމާރާތްކުރި ރޯހައުސްތަކުގެ ތެރެއިން މުޅި ރާއްޖެއަށް ހުޅުވާލެވުނު 60 ރޯހައުސްއަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލައިފި އެވެ.
ރޯހައުސްއަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓްގައި 168 ފަރާތެއް ހިމެނިފައިވާއިރު މި 60 ރޯހައުސްއަށް ކުރިމަތިލީ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރެއިން ތިމާގެ ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ބޯހިޔާވަހިކަމެއް ދޫކޮށްލަން އެއްބަސްވުން އަދި ތިމާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ބަންޑަރަ ގޯއްޗެއް ލިބިފައިވާނަމަ އެގޯއްޗެއް ދޫކޮށްލުމަށް އެއްބަސްވުން އަދި ގޯތިގެދޮރު ލިބިފައިވާ ފަރާތްތަކުން އެފަރާތްތަކަށް ލިބިފައިވާ ގޯތި ދޫކޮށްލުމަށް އެއްބަސްވުން ހިމެނެ އެވެ.
އެގޮތުން ގޯއްޗެއް ލިބިފައިވާނަމަ އެގޯއްޗެއް ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތްތަކުގެ ބަޔާން ނެގުން 30 ނޮވެމްބަރުން ފެށިގެން ކުރިއަށް ދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ށް ކުރިއަށް ދާނެ އެވެ. އަދި ޝަކުވާ ހުށަހެޅުމަށް ފޯމް ދޫކުރުން 14 އޮކްޓޫބަރުން 20 ނޮވެމްބަރުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 1:00 ށް ހުޅުވާލެފައިވާއިރު ޝަކުވާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 19 އޮކްޓޫބަރުން 27 ނޮވެމްބަރާ ހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 2:00 ށެވެ.