ދިވެހި ރެޑް ކްރެސެންޓްގެ ހދ ގޮފީގެ ފަރާތުން “އިންސާނިއްޔަތަށްޓަކައި އަހަރެން- މުއައްސަސާތަކުގެ ބައްދަލުވުން” މި ޝިއާރުގެ ދަށުން ސްޓޭކް ހޯލްޑާރސް ފޯރަމް އެއް މިދިޔަ ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި ބާއްވާފައިފި އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ރެޑް ކްރެސެންޓްގެ ހދ ގޮފީގެ ބްރާންޗް ސެކެއްޓްރީ އާތިފާ އަލީ ވިދާޅުވީ ފޯރަމްގެ މަގުސަދަކީ ކުޅުދުއްފުށީ ޔުނިޓްގެ 2015-2016 ވަނަ އަހަރުގެ ޕްލޭން އާއި ބަޖެޓް އެކުލަވައި ލުމުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތައް އަދި ޖަމުއިއްޔާތައް ބައިވެރި ކުރުން ކަމަށެވެ.
އާތިފާ ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓް އިން މަސައްކަތްކުރާ 3 ދާއިރާ ކަމަށްވާ ކާރިޘާ ތަކަށް ތައްޔާރުވުމާއި ކާރިޘާތައް ބެލެހެއްޓުމާއި ސިއްހަތާއި އިޖުތިމާއީ އަޅާލުން އަދި ޒުވާނުންގެ ދާއިރާއިން އެހެން މުއައްސަސާތަކުން ކުރާކަންތައްތައް ދެނެގަނެ އެ މުއައްސަސާތަކާއިއެކު ދިވެހި ރެޑް ކްރެސެންޓަށް މަސައްކަތްކުރެވޭނެ މަގުފަހިކުރުމާއި މި ފޯރަމްގައި ބައިވެރިވި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތްކުރުމުގެ ރޫހު އާލާކުރުން މި ފޯރަމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އެއްދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ މި ފޯރަމްގައި ހދ އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ހދ. ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އާއި ކުޅުދުއްފުށީ ޕޯރޓް ލިމިޓެޑާއި އެސް.ޓީ.އޯ އާއި ބޭންކް އޮފް މޯލްޑިވްސް ކުޅުދުއްފުށީ ބުރާންޗްގެ އިތުރުން ޖަލާލުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒާއި ކުޅުދުއްފުށީ އަންހެނުންގެ ކޮމިޓީ އާއި ނޫރު ޖަމުއިއްޔާ އާއި ސަގާފީ އާއި އިޖުތިމާއީ އެއްބާރުލުމާއި އެއްބައެއްވަންތަކަމުގެ ޖަމްއިއްޔާ އަދި ޒިގް ޒެގް ފޮރ ޔޫތު ލިންކޭޖް އިން ބައިވެރިވެފައިވެ އެވެ.
މިއީ މިފަދަ ގޮތަކަށް ބޭއްވުނު ފުރަތަމަ ބައްދަލުވުން ކަމާއި މި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް ކަމަށް އާތިފާ މައުލޫމާތުދިނެވެ. އަދި ހަމައެހެންމެ 2015-2016 ގެ ޕްލޭން އަކީ ކުޅުދުއްފުށީ ރައްޔިތުން ބޭނުންވާ ކަހަލާ ޕްލޭން އަކަށް ހެދުމަށް ކޮށުނު ފަހި މަގެއް ކަމަށްވެސް އާތިފާ ވިދާޅުވި އެވެ.
މި ފޯރަމްގައި ބައިވެރިވި މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމުއިއްޔާ ތަކުން ދެއްވި އެއްބާރުލުމާއި ރެޑް ކްރެސެންޓްގެ މައި މަރުކަޒުން ދެއްވި އެއްބާރުލުން އާތިފާ ވަނީ ފާހަގަކޮށްފަ އެވެ.
އޭނާ ވިދާޅުވީ އުއްމީދުކުރަނީ މިފަދަ ގިނަ ބައްދަލުވުންތައް ބޭއްވި ދިވެހި ރެޑް ކްރެސެންޓްގެ ހދ ގޮފީގެ ހިންގުންހަރުދަނާވެ ދަރުމަވެރިންނާއި މެމްބަރުން އިތުރުވުން ކަމަށެވެ.