ކުޅުދުއްފުށީގައި ފުރާވަރުގެ ކުދިންނަށް ރައްޓެހި މާހައުލެއްގައި ފަރުވާދިނުމަށް ގާއިމުކުރަން ހަމަޖެހިފައިވާ ކްލިނިކުގައި ފަރުވާދޭނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ޕަބްލިކް ހެލްތުން ބުނީ ކުޅުދުއްފުށީގައި ފުރާވަރުގެ ކުދިންނާ ރައްޓެހި މާހައުލެއްގައި ސިއްހީ ފަރުވާދޭނެ ކްލިނިކެއް ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ފަރުވާދޭނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.
5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ސީނިއަރ ޕްރޮގްރާމް އޮފިސަރ އަބްދުލް ހަމީދު ހަސަނާއި ޝީގެ އެޗްއާރު މެނޭޖަރ އައިޝަތު ޒާހިރާ އެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ނަރުހުންނާއި ޕަބްލިކް ހެލްތް މުވައްޒަފުންގެ އިތުރުން ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލް އަދި އޭއީސީއިން ކޮންމެ ސްކޫލަކުން ޓީޗަރަކު މި ޕްރޮގްރާމުގައި ބައިވެރިވެ އެވެ. މި ޕްރޮގްރާމުގައި ޖުމްލަ 26 ބައިވެރިން ބައިވެރިވެފައިވެ އެވެ.
ބުރާސްފަތި ދުވަހާ ހަމައަށް މި ޕްރޮގްރާމް ކުރިއަށްދާއިރު މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ކަމަށް ޕަބްލިކް ހެލްތުން މައުލޫމާތުދިނެވެ.