ހދ ކުމުންދޫ ފިނިހިޔާ އާދަމް މުހައްމަދުގެ ދެ ކިޑްނީ ފެއިލްވެ ދީލަތި ފަރާތްތަކުގެ އެހީތެރިކަން އޭނާ ބޭނުންވެއްޖެ އެވެ.
އާދަމް މުހައްމަދުގެ ކިޑްނީ ފެއިލްވެފައިވާތާ ގިނަ ދުވަސްތަކެއްވަނީވެފަ އެވެ. އޭނާގެ އަނބިމީހާ ސީމާ އަލީ މި ނޫހާ ވާހަކަ ދައްކަމުން ބުނީ ސަރުކާރުން ވެދެއްވަނީ ހަމައެކަނި ކިޑްނީ ބަދަލު ކުރުމުގެ ހަރަދު ކަމަށެވެ. ޑޯނާއެއް ހޯދާ ކިޑްނީ ގަތުމުގެ ހަރަދުކުރަން ޖެހެނީ އަމިއްލައަށް ކަމަށާއި އެހެންނަމަވެސް އެފަދަ ބޮޑު ހަރަދެއް ކުރާނެ ފޯރުންތެރިކަން އެ ފަރާތުގައި ނެތް ކަމަށެވެ.
ކުޅުދުއްފުށީ ރިއަލް ޕޮއިންޓް ފިހާރާގައި އާދަމްއަށް އެހީތެރިވުމުގެ ގޮތުން ފަންޑް ފޮށްޓެއް ބަހައްޓާފައިވެ އެވެ. އެ ފަންޑް ފޮށިން މިހާތަނަށް ލިބުނު 7000 ރުފިޔާވެސް އާދަމްގެ ބޭސް ފަރުވާއަށް ހަރަދުކޮށް ހުސްވެފައިވާ ކަމަށް އާދަމް އަންހެނުން ކިޔައިދިނެވެ.
ނުކުޅެދުންތެރިކަން ހުންނަ ދެ ކުދިން ގޮވައިގެން ދަތި ހާލުގައި އުޅެމުންދާ މި އާއިލާއަށް މިއަދު މިވަނީ ދީލަތި އެހީބޭނުންވެފަ އެވެ.
ސީމާ ބުނީ އޭނާގެ ހަގު ދެ ދަރިންނަކީ ވާހަކަ ނުދެއްކޭ ދެ ކުދިން ކަމަށާއި އެ ދެ ކުދިން ގޮވައިގެން ބަލި ފިރިއެއް ބެލެހެއްޓުމަކީ ދަތި ކަމެއް ކަމަށެވެ. ކިރިއާވެސް އެހީތެރިކަމެއް ލިބެނީ ދޮށީ ދެ ދަރީގެ ފަރާތުން ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ އާސަންދައިގެ ދަށުން ބޭސް ފަރުވާކުރުމަށް އެ ފަރާތުގައި އާދޭސް ކުރަންޖެހުނު ކަމަށާއި ދެ ދުވަހު ގޮސް އޭނާގެ ހާލަތު ކިޔައިދިނުން އާސަންދައިން ވަނީ އޮޕަރޭޝަނުގެ ހަރަދު އުފުލާނެ ކަމަށް ބުނެފައި ކަމަށެވެ. އަދި ޑޯނަރެއް ހޯދަންޖެހޭނީ އަމިއްލައަށް ކަމަށްވެސް ބުނެފައިވާ ކަމަށް އޭނާ މައުލޫމާތުދިނެވެ.
އާދަމް މިހާރު ވަނީ ހާލު ދެރަވެގެން މާލެ ގެންގޮސްފަ އެވެ. އަންހެނުން ބުނާ ގޮތުން މާލެ ގެންދަން ޖެހުނީ އާދަމްގެ ފުރަގަސް ފަރާތުން ލޭ އަންނާތީ ކަމަށެވެ.
އާދަމްގެ ހާލަތު ކިޔައިދެމުން ސީމާ ބުނީ ކުޅުދުއްފުއްޓަށް ބޭސް ފަރުވާ ހޯދުމަށް ދިއުމަށްވެސް ބޮޑު ހަރަދެއްދާ ކަމަށާއި މާލޭގައި އުޅެންޖެހެމުން އެއަށްވުރެ ބޮޑު ހަރަދެއް މިހާރު އުފުލަންޖެހިފައިވާ ކަމަށެވެ.
އާދަމްއަށް އެހީތެރިވުމަށް އެދި އޭނާގެ އަންހެން ވަނީ އާދޭހާއެކު އެދިފަ އެވެ. އޭނާ އެހީތެރިވުމަށް ރިއަލް އެޗް ފިހާރާގައި ފަންޑް ފޮށްޓެއް ބެހެއްޓިފައިވާއިރު އާދަމްގެ އެކައުންޓް ނަމްބަރަކީ 7703461394101 އެވެ. އަދި އޭނާގެ ފޯނު ނަމްބަރަކީ 7856157 އެވެ.
ވީހާވެސް ގިނަ ފާރާތްތަކަކުން ހާލުގައި ޖެހިފައިވާ މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ކުޅުދުއްފުށި އޮންލައިނުން އުއްމީދު ކުރަމެވެ.