ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރަގެ މެންބަރު މުހައްމަދު ނަޝީދު ހަރަދުކޮށްގެން ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް ހަމަޖެހިއްޖެ އެވެ.
މި ޕާކު އަޅަން ހަމަޖެހިފައިވަނީ އަފީފުއްދީން ސްކޫލް ފުރަގަހުގައިވާ ކުޅި ހިމެނޭ ބިމުގައި ކަމަށް ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތުދެ އެވެ.
ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ކުޑަކުދިންގެ ޕާކެއް އެޅުމަށްޓަކައި މުހައްމަދު ނަޝީދު އެދިލައްވައިގެން އަފީފުއްދީން ސްކޫލް ފުރަގަހުގައިވާ ކުޅި ހިމެނޭ ސަރަހައްދު ދޫކޮށްފައިވާކަމަށާއި ކައުންސިލުންގެ ފަރާތުން އެބިންވަކި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޕާކު އަޅަން ހަމަޖެހިފައިވަނީ އެބިން އެއްވެސް ވަރަކަށް ނުހިއްކަކަމަށާއި އެތަނުގެ ގުދުރަތީ ރީތިކަމާއި އަދި ފެންގަނޑަށް އެއްވެސް ގެއްލުމެއް ނުވާނެގޮތަކަށް ކަމަށް ވެސް އަލީ މުހައްމަދު ވިދާޅުވި އެވެ.
ޕާކުގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީހެއް އަދި ކައުންސިލަށް ނޭނގޭ ކަމަށާއި ކައުންސިލުގެ ފަރާތުން އިތުރަށް ކުރިއަށް ދަނީ ޕާކު އެޅުމަށް ބޭނުންވާ ސަރަހައްދު ކުޑަކޮށް ސާފުކުރުމުގެ މަސައްކަތް ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކުޑަކުދިން ހިތްހަމަ ޖައްސާލަން ދިއުމަށް ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ނުހުރެ އެވެ.