ހޯޕް ފޯ ވިމެން އާއި ކުޅުދުއްފުށި ކައުންސިލް ގުޅިގެން އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިކުރުވުމަށް ބާރު އެޅުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.
މިއަދު މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ހަފުލާގައި ހޯޕް ފޯ ވިމެން ޖަމިއްޔާގެ ފައުންޑަރ އަނީސާ އަހުމަދު ވާހަކަ ދައްކަވަމުން ވިދާޅުވީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާލެއް މަދުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި ކުރިން ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރިވާ ވަރަށްވެސް މިހާރު އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިނުވާ ކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރިވާނެ ގޮތް ދަސްކޮށްދީ އެކަމަށް ހިތްވަރު ދެވޭނެ ކަމަށް އަނީސާ ވިދާޅުވިއިރު މި ބައްދަލުވުމުން ދަސްވާ އެއްޗެއް އެހެން ފަރާތްތަކަށް ކިޔައިދީ އެ ފަރާތްތައްވެސް މި މައިދާނަށް ނެރުމަކީ މި ބައްދަލުވުމުގެ މަގުސަދު ކަމަށް އޭނާ ވިދާޅުވި އެވެ.
“އާބާދީގެ ދެބައިކޮށްފަ އެއްބަޔަކީ އަންހެންކަމަށްވަންޏާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ގައުމު ކުރިއަރުވާ ގައުމު ތަރައްގީ ކުރުމަށް އަންހެނުން ހަރަކާތްތެރިވެ ބައިވެރިނުވަންޏާ އެންމެ އެކަށީގެންވާ ނަތީޖާއެއް ނުނިކުންނާނެ. ތަރައްގީއޭ ކިޔައިގެން ވާހަކަ ދެއްކިޔަސް ތަރައްގީއެއް ނުވާނެ. ތަރައްގީ ކުރުމަށް މިކުރާ މަސައްކަތުގައި އަންހެނުން ބައިވެރިވެގެން ތަރައްގީ ކުރެވޭނީ.”އަނީސާ ވިދާޅުވި އެވެ.
މިހާރު އެތަކެއް އިލެކްޝަންތަކެއްގައި އަންހެނުންނަށް ވާދަކުރެވެން އޮތްއިރު އެ ފުރުސަތުތަކުގެ ބޭނުން ހިފާ ސިޔާސީ މައިދާނަށް އަންހެނުން ނިކުމެ ގައުމު ތަރައްގީ ކުރުމަށް އަނީސާ ވަނީ ގޮވާލައްވާފަ އެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުން ފެށުމުގެ ގޮތުން ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވާ ކުޅުދުއްފުށި ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަން ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ހިންގާތީ އެކަމާ އުފާ ކުރައްވާ ކަމަށާއި އަންހެނުން ސިޔާސީ މައިދާނަށް ނިކުތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ކުޅުދުއްފުށި ކައުންސިލް އިދާރާގައި ކުރިއަށްދާ މި ބައްދަލުވުން ނިމުމުގެ ރަސްމިޔާތު ބުރާސްފަތި ދުވަހު ހަވީރު ބޭއްވުމަށް ހަމަޖައްސާފައިވައިރު މި ބައްދަލުވުމުގައި ކިޔަވައިދެއްވަނީ އަނީސާ އަހުމަދެވެ.