ކުޅުދުއްފުށީ ގެއެއްގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ގުދަނާ އިންވެގެން ހުރި 2 ގެއަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެ އެވެ.
ރޭ ފަތިހު ހިނގި އަލިފާނުގެ މިހާދިސާގައި ރޯވެފައިވަނީ ކުޅުދުއްފުށީ، ކަފުލޯގޭގައި މުދާ ރައްކާކޮށްފައި ހުރި ގުދަނެއްގަ އެވެ. މިހާދިސާގައި ގުދަނާ ޖެހިގެން ހުޅަނގަށް ހުރި ނަލަހިޔާގޭގެ 2 ކޮޓަރީގެ ފާރު ކަނޑައިގެން ގޮސް ގެއްލުންތަކެއް ވެފައިވެ އެވެ. އަދި ގުދަނާ އިންވެގެން އުތުރަށް ހުރި އުއްސަކުރުގޭގެ ގެސްޓްހައުސްގެ ފާރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.
އަލިފާންގަނޑު ނިންވާލުމުގެ މަސައްކަތް ފުރަތަމަ ކޮށްފައިވަނީ ނަލަހިޔާގެ މީހުން ކަފުލޯގެ އަށް ފާރުމަތިން ފައިބާގެންނެވެ. އަދި ބޭރުން އައި މީހުންނަށާއި ސިފައިންނަށް ކަފުލޯގެ ތަޅުލާފައި ހުރުމުން ނުވަދެވި ގިނަ އިރުތަކެއް ވިކަމަށް އެތަނުގައި ހަރަކާތެރިވި މީހުން ބުންޏެވެ.
މިހާދިސާގައި ގުދަން ހުރި ކަފުލޯގެ ވެރިޔާ މޫސާބެ ބުނީ އަލިފާނުގެ މިހާދިސާގައި ދޮޅުލައްކަވުރެ ރުފިޔާގެ ގެއްލުންވެފައިވާ ކަމަށެވެ.
“މިތަނުގައި ހުންނާނެ ޓީވީ އަކާއި 2 ކޮޓަރީގައި ޖަހާނެ މުއްޓާއި ވައިރު ނަރާއި ފަހާ ފޮއްޓަކާއި އައިސްއަލަމާރިއެއްގެ އިތުރުން 3 ފެންމޯޓަރާއި 2 ފޫޓް 2 ފޫޓްގެ ތަށިމުއްޓާއި ސީލިންގ ފަންކަލާއި ހަތަރުފަޅި ދޮރުގެ އިތުރުން އަދިވެސް ގިނަ އަދަދެއްގެ މުދާ ހުންނާނެ.” މޫސާބެ ކިޔަދެމުން ބުންޏެވެ.
މޫސާބެ ބުނީ ސާޅީސް ލީޓަރގެ ހައިޑްރޯލިކް ތެޔޮ ވެސް އެގުދަނުގައި ރައްކާކޮށްފައި ހުންނާނެ ކަމަށެވެ. ކަރަންޓް ވައިރު ނުކޮށް ހުރި މިގުދަން ވަނީ މުދަލާއެކު އެކޮށް އަނދާހުލިވެފަ އެވެ.
މިއަލިފާނުގެ ހާދިސާގައި ގެއްލުވި ނަލަހިޔާގެ އިން ބުނީ ނިދާފައި ތިއްބާ ހޭލެވުނީ އެއްޗެހިތަކެއް ފައިބާ އަޑަށްކަމަށާއި އޭރު ކޮޓަރި ތެރެއަށް ދުންތައް ވަންނަމުންދިޔަ ކަމަށެވެ.
މިހާދިސާގައި ގެއްލުން ލިބުނު އުއްސަކުރުގޭގެ ގެސްޓް ހައުސްގެ ބައެއް ކޮޓަރިތަކުގަޔާއި ފާހާނާތަކުގެ ވެސް ރެނދުލާފައި ހުއްޓެވެ. އަދި ބޭރު ފާރުގައި ބޮޑެތި ރެނދުލާފައި ހުއްޓެވެ.
ނަލަހިޔާގެ ކޮޓަރިއެއްގައި ރެނދުތަކެއް ލާފައި
މަންޒަރު ދުއް މީހަކު ބުނީ އަލިފާން ރޯވެފައިހުރި އިރު އަލިފާންގަނޑު 40 ފޫޓަށް ވުރެ މަތިން ފެންނަ ހުރި ކަމަށެވެ.
އަލިފާން ނިންވުމުގެ މަސައްކަތުގައި އުޅުނު މީހުން ބުނީ ފަޔަރ އެންޑް ރެސްކިއު ޓީމަށް އާދެވުނު އިރު އަލިފާންގަނޑު ކޮންޓުރޯލް ކުރެވިފައިވާ ކަމަށެވެ. އަދި އެމީހުން އައިރު ޖެކެޓް ފިޔަވައި އަލިފާން ނިއްވުމަށް ބޭނުން ކުރާ އެއްވެސް ވަސީލަތެއް އެމީހުން އަތުގަ ނެތް ކަމަށް އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު އާއްމު މީހުން މިނޫހަށް ކިޔައިދެމުން ބުންޏެވެ.
ކުޅުދުއްފުށީގައި ހިނގާ ގިނަ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިއްވާ ސިފައިންނަށް އާދެވޭ އިރު އަލިފާންގަނޑު ހުންނަނީ އާއްމުން ކޮންޓުރޯލު ކޮށްފަކަން ފާހަގަކުރެވެ އެވެ. މިމަހުގެ ތެރޭގައި ވަނީ ކުޅުދުއްފުށީ ނަލަރީތިގޭގެ ގުދަނެއް އަނދާ ދިހަހާހަށް ވުރެ ގިނަ ރުފިޔާގެ ގެއްލުންވެފަ އެވެ.
[yass cats=135]