އަޕަރ ނޯތު ޕޮލިސް ޑިވިޒަންގައި ހިމެނޭ ތިން އަތޮޅު ކަމަށްވާ ހއ، ހދ އަދި ށ އަތޮޅަށް ކޮމާންޑަރުން ހަމަޖައްސަވައިފި އެވެ.
އެގޮތުން ހއ އަތޮޅުގެ ކޮމާންޑަރަކަށް ހަމަޖައްސަވާފައިވަނީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުހައްމަދު އަބްދުﷲ އެވެ.
ހދ އަތޮޅުގެ ކޮމާންޑަރަކަށް ހަމަޖައްސަވާފައިވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަހްމަދު ނަސީމެވެ.
އަދި ށ އަތޮޅުގެ ކޮމާންޑަރަކަށް ހަމަޖައްސަވާފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް މުސްތަފާ އެވެ.
މި ތިން އަތޮޅުގެ އިތުރުންވެސް އެހެން އަތޮޅުތަކަށް ކޮމާންޑަރުން ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ސަމީރު ވަނީ ހަމަޖައްސަވާފައި އެވެ.
ޑީ.އޯ.ސީ ކޮންފަރެންސް ނިމުގެ ރަސްމިއްޔާތުގައި ކޮމާންޑަރުންނަށް އަލަށް އައްޔަންކުރެއްވި ފުލުހުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދެވެ.
ޑިވިޜަން ކޮމާންޑަރުންނަށާއި އަތޮޅު ކޮމާންޑަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް އެކޮމާންޑަރުންނާ މުހާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޑިވިޜަން ތަކުގައި އަދި އަތޮޅުތަކުގައި މަސައްކަތްކުރައްވާ ކޮމާންޑަރުންނަކީ ވަރަށް ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް ހަވާލުކުރެވިފައިވާ ފުލުހުންކަން ހަނދާންކޮށްދެއްވި އެވެ. މިގޮތުން އެ ޑިވިޜަނެއްގައި އަދި އަތޮޅެއްގައި ހިނގާ ހުރިހާ ކަންކަން ގާތުން ބަލައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުއްވުމުގައި ފަސްނުޖެހުމަށް ކޮމާންޑަރުންގެ ކިބައިން ސީޕީ އެދިވަޑައިގަތެވެ.
އަލަށް ހަމަޖެއްސެވި ކޮމާންޑަރުންގެ މަސައްކަތް ފައްޓަވާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.