މި އަހަރުގެ ތިން ވަނަ ކުއާޓަރގައި ބޭންކް އޮފް މޯލްޑިވްސްގެ ސާފު ފައިދާގެ ގޮތުގައި 205 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ބީއެމްއެލްއިން މިއަދު ހާމަކޮށްފި އެވެ.
މިއަދު ބީއެމްއެލްއިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން މި ކުރިއެރުމަކީ މިއަހަރުގެ ދެވަނަ ކުއާޓަރއާއި އަޅާބަލާއިރު 105 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. މިދިޔަ ކުއާޓަރގައި ގިނަ ރޮނގުތަކުން ލިބޭ އާމްދަނީ އިތުރުވެ ބެންކުގެ ހަރަދުތައް ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައިވާއިރު ދޫކުރެވޭ ލޯނުގެ އަދަދުވެސް ދަނީ އިތުރުވެފައި ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.
“މުހިއްމު ގިނަ ދާއިރާތަކުން ބޭންކުގެ އަމާޒުހުރީ ރަނގަޅު މިސްރާބެއްގައި. ބޭންކު މާލީ ގޮތުން ދަނީ ހަރުދަނާ ކާމިޔާބީތަކެއް ހޯދަމުން. މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިންގ ގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ވައުދު ފުއްދުމުގެ ގޮތުން ބޭންކިންގ ޚިދުމަތް ނުލިބޭ 9 ރަށަކަށް މި ކުއާޓަރގައި ޕީއޯއެސް ޓަރމިނަލް ބޭނުންކޮށްގެން ފައިސާ ނެގޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި. މި އަދަދު މި އަހަރު ނިމޭއިރު 50 އަށް އިތުރުވެގެން ދާނެ. އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޭންކުގެ ޚިދުމަތްތައް ޒަމާނީ ކުރުމާއި ކަސްޓަމަރ ސަރވިސް ރަނގަޅުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް ވެސް ވަނީ އެޅިފައި.” މި ނަތީޖާ އާ މެދު ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވެފައިވެ އެވެ.
ބޭންކުން ދަނީ ހުރިހާ ރަށަކަށް އަސާސީ ބޭންކިންގގެ ހިދުމަތް ދިނުމަށާއި ކަސްޓަމަރ ސާރވިސް ރަނގަޅުކުރުމަށް އިސްވެސްޓްކުރަމުން ކަމަށްވެސް ބީއެމްއެލްއިން ބުނެ އެވެ.
މި ދިޔަ އޮގަސްޓް މަހުގެ ތެރޭގައި ބޭންކުގައި އާ ކޯ ބޭންކިންގ ސިސްޓަމް ގާއިމުކުރެވިފައިވާއިރު އެކަމާ ގުޅިގެން އެންޑްރޫ ވިދާޅުވެފައިވަނީ މިއީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ މުހިއްމު ސިސްޓަމެއް ކަމަށާއި ކުރިން ބޭނުންކުރަމުންއައި ސިސްޓަމުން އާ ސިސްޓަމަށް ބަދަލުވުމުން ކަސްޓަމަރުންގެ ފަރާތުން ލިބުނު ތަރުހީބާއި ކެތްތެރިކަމަށް ޝުކުރުއަދާކުރާ ކަމަށެވެ.
އަދި ގެނެވުނު ހެޔޮ ބަދަލުތަކުގެ ފައިދާ ކުރިމަގުގައި ކަސްޓަމަރުންނަށް ފެންނާނެކަމަށްވެސް އެންޑްރޫ ހީލީ ވިދާޅުވި އެވެ.