ހދ އަތޮޅުގައި ދިގު މުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައި އޮންނަ ވައިކަރަމުރައިދޫ ދަނޑުވެރިކަމުގެ ލިސްޓުން އުނިކޮށް، ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ ލިސްޓަށް ލުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާރގެ ނައިބު މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
މުހައްމަދު ޝަރީފް މިހެން ވިދާޅުވީ ހދ އަތޮޅު ފެންވަރުގައި ފާހަގަކުރާ ދަނޑުވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ރޭ ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
“މިއަތޮޅުގައި ވެސް ދިގު މުއްދަތަށް ދަނޑުވެރިކަން ކުރުމަށް 2 ރަށް ވަނީ ދޫކުރެވިފަ. އެއީ ތީފަރިދު އާއި ވައިކަރަމުރައިދޫ. މިއީ މި ދެ ރަށުން މުއްދަތު ހަމަވެގެން އަލުން މުއްދަތު ބަދަލުކުރުމަށް އެދިފައިވާ ދެ ރަށް. ރައީސް އޮފީހުން ވަނީ ރަށާ (ވައިކަރަމުރައިދޫ) ބެހޭ ގޮތުން ނިންމަވާފަ. ތިޔަބޭފުޅުން މިހާރު އެދިލައްވަމުން ތިޔަ ގެންދަވާ ގޮތަށް ތިޔަބޭފުޅުންނަށް ފައިދާ ހުރި ގޮތަށް ( ޒޫރިޒަމަށް) ދޫކުރުމަށް ނިންމާފަ.” ވައިކަރަދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ 68 ރަށުގައި ކުރެވެމުންދާ މަސަކަތްތައް ނޮވެމްބަރު މަހުގެ 10 ގެ ކުރިން މިނިސްޓްރީއަށް އެންގުމަށް އެފަރާތްތަކަށް އިންޒާރުގެ ސިޓީއެއް ފޮނުވާފައިވާނޭ ކަމަށެވެ. އަދި އެކަށީގެންވާ ގޮތެއްގައި ދަނޑުވެރިކަން ނުކުރާ ރަށްތައް ސަރުކާރަށް ނަގާނެކަމަށް ޝަރީފް ވިދާޅުވި އެވެ.
ޒަމާނީ ދަނޑުވެރިކަން ކުރުމަށް ފަހުގެ ވަސީލަތްތަކުގެ އެހީގައި ދަނޑުވެރިކަން ފުޅާކޮށް ޒުވާނުން ހޭލުންތެރިކޮށް ޒުވާނުންނަށް އެފުރުސަތު ސަރުކާރުން ފަހިކޮށްދިނުމަށް ވާނީ ނިންމާފަ ކަމަށާއި އަދި މިސަރުކާރުގެ އަމާޒަކީ ކޮންމެ ދަނޑުވެރިޔަކަށް އާމްދަނީގެ ގޮތުގައި 8000 ރުފިޔާ މަހަކު ލިބޭނެ ގޮތް ހެދުންކަމަށް ދަނޑުވެރިކަމާއި މަސްވެރިކަމާ ބެހޭ ވުޒާރާގެ ނައިބު ވިދާޅުވި އެވެ.
ރޭ ވައިކަރަދޫގައި ހުންނަ ހދ އަތޮޅު މަދަރުސާ ހޯލުގައި ބޭއްވި މިޖަލްސާގައި އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރާއި ނައިބު ރައީސް އަހުމަދު އާތިފުގެ އިތުރުން ވައިކަރަދޫ ކައުންސިލުގެ ރައީސް އާއީ ރަށްރަށުގެ ކައުންސިލަރުން އަދި އެއަތޮޅުގެ ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ދަނޑުވެރިނާއި އާއްމުން ބައިވެރިވި އެވެ.
[yass cats=141]