ކުޅުދުއްފުށީގައި 24 ގަޑިއިރު ފުރިހަމައަށް ހިދުމަތް ލިބޭ ޓާޝަރީ ހޮސްޕިޓަލެއް އަންނަ އަހަރުގެ މެދެއްހާ ހިސާބު ގާއިމް ކުރުމަށް އުންމީދު ކުރައްވާ ކަމަށް ހެލްތު މިނިސްޓްރީ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ހެލްތު ކެއާ ޑެލިވަރީ ސިސްޓަމް އާންމު ކުރުމަށް އިއްޔެ ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ހޮސްޕިޓަލްތައް ގިންތިކުރެވިފައިވާ ގޮތައް ބަލާއިރު އައިޖީއެމްއެޗަކީ ޓާޝަރީ ހޮސްޕިޓަލެއް ކަމަށާއި އަންނަ އަހަރު ހިތަދޫގައި ޓާޝަރީ ހޮސްޕިޓަލަކާ ހަމައަށް ދިއުމާއި ކުޅުދުއްފުށީގައި 24 ގަޑިއިރު ފުރިހަމައަށް ހިދުމަތް ލިބޭ ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ކުރުމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރާއްޖޭގައި 300 ނުވަތަ 200 މީހުން އުޅޭ ރަށެއްގައި ޓާޝަރީ ހޮސްޕިޓަލެއް ހުރުމަށް ފުރުސަތު ނުދެވޭނެ ކަމަށާއި ނަމަވެސް އަންނަ އަހަރުގެ މެދާ ހަމައަށް ދާންވާއިރަށް މުޅި ރާއްޖޭގައި ތިން ޓާޝަރީ ހޮސްޕިޓަލް ހުރުމަކީ މިނިސްޓްރީގެ އުންމީދެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ޖަޕާނު އަދި ދުބާއީން މިއަހަރު ލިބޭ އިކުއިޕްމަންޓް ތަކާއި ހިލޭ އެހީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 4.18 ބިލިއަން ރުފިޔާ ހިމަނައި މަޖިލީހައް ހުށަހަޅާފައިވާ ކަމަށާއި އެހެންކަމުން އަންނަ އަހަރު އެ އުންމީދަށް ވާސިލްވެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.