ކުޅުދުއްފުއްޓަށް މިވަގުތައް އެންމެ މުހިއްމު މަޝްރޫއުތަކުގެ މައުލޫމާތު ރައީސް އޮފީހުގެ ރައީސް އޮފީހުގެ އެދިލެއްވުމަކަށް އެ އޮފީހަށް ފޮނުވާފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލްގެ ރައީސް އަލީ މުހައްމަދު “ކުޅުދުއްފުށި އޮންލައިނަށް” ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް އޮފީހަށް ފޮނުއްވި ލިޔުމުގައި ހިމަނާފައިވާނީ ކުޅުދުއްފުށީ ރައްޔިތުންނަން އެންމެ ބޭނުން އަދި ރަށަށް އެންމެ މުހިއްމު ކަންތައްތަކާއި އަދި މިވަގުތަށް ހުއްޓިފައިވާ ޕްރޮޖެކްޓްތައް ކަމަށެވެ.
އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ އެއް ވައުދު ކަމަށްވާ އެއާޕޯޓް ޕްރޮޖެކްޓާއި އުތުރު ބަނދަރު ތިލަވެ ކުޑަވުމުގެ މައްސަލައާއި ޔޫތު ސެންޓަރާއި ޕްރީ ސްކޫލްގެ ތައުލީމް ހިލޭ ފޯރުކޮށްދިނުމުގެ ވައުދާއި ކުޅުދުއްފުށީގައި ލޯކަލް ޓުރިޒަމް ގާއިމްކުރުން ކަމަށެވެ.
އަދި ކުޅުދުއްފުށީގައި ފަށައި ނުނިމި ދިގުލާފައިވާ ޕްރޮޖެކްޓްތައް ކަމަށްވާ ކުޅުދުއްފުށީ މަގު ހެދުމުގެ ޕްރޮޖެކްޓާއި ރޯހައުސްތައް ނުނިމި ލަސްވަމުންދާ މައްސަލަ އާއި ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލްގެ މައްސަލަ ހިމެނޭ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
ސިއްހީ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތާއި ހިއްކާފައިވާ ވެލިގަނޑު ގިރުމުގެ މައްސަލާ އާއި ހދ އަތޮޅުގައި ރިސޯޓެއް ނެތް މައްސަލަ ވެސް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. އަދި މީގެ އިތުރުން ކުޅުދުއްފުށީގެ ކަރަންޓް ވިއުގަ ރަގަޅުކުރުމަށް ފެނަކައިން ކުރަމުން ގެންދާ މަސައްކަތް ފާހަގަކޮށްފައިވާނޭ ކަމަށް އަލީ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 5 ޖަހާއިރު އެވެ.