އިހުލާސް ގުރްއާން ކުލާހުން އިންތިޒާމް ކޮށްގެން ކުޅުދުއްފުށީގައި ޑިޖިޓަލްކޮށް ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތުގެ ނަތީޖާ އިއްޔެ ފާޅުކޮށްފި އެވެ.
މި މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ ކުޅުދުއްފުށި ނަމޫނާ އައިމިނަތު ރައީފާ މުހައްމަދެވެ. އަދި ދެވަނަ އަށް ކުޅުދުއްފުށި ރަބީއު އަލީ އަމްޖަދު ހޮވުނުއިރު ތިންވަނަ އަށް ގޮސްފައިވަނީ ކުޅުދުއްފުށި ނޫރަންގެ ސުރައްޔާ އިސްމާއިލެވެ.
އިއްޔެ ތިލަދެކުނު ސިނަމާގައި ބޭއްވި ހާއްސަ ހަފުލާއެއްގައި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވާއިރު މި ހަފުލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަލީ މުހައްމަދެވެ. މި ހަފުލާގައި އަލީ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި އިހުލާސް ޤުރުއާން ކުލާހުން އިސްނަގައިގެން މިފަދަ މުބާރާތެއް އިންތިޒާމްކުރާތީ އެކަމަށްޓަކައި ޝުކުރުއަދާކޮށް މި މުބާރާތް މުޅި ރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ އެދިލައްވާފަ އެވެ.
އިހުލާސް ގުރުއާން ކުލާހުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ގުރުއާނަށް ލޯބިޖައްސާ ގުރުއާން ތަޖުވީދަށް ކިޔެވުމަށް އަހުލުވެރިކުރުން ކަމަށެވެ.
ބަލައިގެން ކިޔުމުގެ ގޮފި އަދި ނުބަލާ ކިޔެވުމުގެ ގޮފީގައި 7 އުމުރު ފުރާއަށް ބަހަލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ ޖަލާލުއްދީން ސްކޫލްގެ ލީޑިންގ ޓިޗަރ ހުސެއިން ސޮބާހު އާއި އިހުލާސް ގުރްއާން ކުލާހުގެ މުދައްރިސް ރޫހުލް އަމީން އެވެ.
ވަނަވަނަ އަށް ދިޔަ ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ ހަވާލުކޮށްފައިވާއިރު އިހުލާސް ޤުރުއާން ކުލާހުގެ 241 ދަރިވަރުންނަށް ހުޅުވާލި މި މުބާރާތުގައި ބައިވެރިވެފައިވަނީ 53 ދަރިވަރުންނެވެ.