އިރުމަތި އަވަށު ޕްރީ ސްކޫލް ޔޫކޭޖީ ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި އެވެ.
އަފީފުއްދީން ސްކޫލް ހޯލުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރި ކުރެއްވީ ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް މަހުދީ ޝާހިދެވެ.
މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން މަހުދީ ވިދާޅުވީ ޕްރީ ސްކޫލުން ފެށިގެން ޔުނިވާރސިޓީ ތައުލީމް ހާސިލުކޮށް ނިމެންދެންވެސް ބެލެނިވެރިން ދަރިވަރުންގެ އަތުގައި ހިފައިގެން ތިބުމަށާއި ޅަފަތުގައި ދަރިންނަށް ސްކޫލަށް ދިއުމުގެ ކުރިން ނާސްތާ ދިނުންފަދަ ކަންކަން ކޮށްދޭ ގޮތަށް ސެކަންޑަރީ ސްކޫލަށް ނުވަތަ ޔުނިވާރސިޓީގައި ތައުލީމް ހާސިލްކުރާއިރުވެސް އެ ކަންކަން ކޮށްދިނުމަށް ވަނީ ގޮވާލާފަ އެވެ.
“މަންމަ އާއި ބައްޕައަކަށް ދަރިފުޅު ބޮޑެއް ނުވާނެ ދުވަހަކުވެސް. އެހެންކަމުން އަޅުގަނޑުމެން އެބަޖެހޭ ދަރިފުޅު ބޮޑުވާ ވަރަކުން ކަންކަމަށްދޭ ސަމާލުކަން އިތުރުކުރަން.ދަރިފުޅު ކިތަމެ ބޮޑުވި ކަމުގައިވިއަސް އޭނާ ސްކޫލަށް އަންނަނީ ފިލާވަޅު އުނގެނެން. ވީމާ ޕްރައިމަރީ ސްކޫލުން ފެށިގެން ސެކަންޑަރީ ސްކޫލަށް ދާއިރުވެސް އަލުގަނޑުމެން އެބަޖެހޭ ރަނގަޅު ނާސްތާއެއް ދޭން. ބެލެނިވެރިން އެބަޖެހޭ މިކަމަށް ސަމާލުކަންދޭން.” މަހުދީ ވިދާޅުވި އެވެ.
މިއަހަރު އައިޕީއެސްގެ 65 ދަރިވަރަކު ވަނީ ގްރެޖުއޭޓްވެ ގްރޭޑް 1 ށް ބަދަލުވެފަ އެވެ.
މި ރަސްމިއްޔާތުގައި ދަސްވެނިވުނު ދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ ޝަރަފްވެރި މެހްމާން މަހުދީ ޝާހިދު އާއި ގައުމީ ޔުނިވާރސިޓީގެ ލެކްޗަރަރ މުހައްމަދު އުމަރެވެ.
މިއަދު ހަވީރު ބޭއްވި މި ހާއްސަ ރަސްމިޔާތުގައި އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާތިފް އާއި ރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަންގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެފަ އެވެ.
ރަސްމިޔާތު ނިންމާލުމުގެ ގޮތުން ޔޫކޭޖީ ދަރިވަރުން ކޮޅެއް ވަނީ ޝުކުރުގެ ބަންޖެއް ހުށައަޅާދީފަ އެވެ.