ހދ ކުރިނބީގައި ހަދަމުންގެންދާ ބަނދަރު ރައްޔިތުންގެ ބަޔަކު ނިކުމެ މިއަދު ހުއްޓުވައިފި އެވެ.
ކުރިނބީގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ބަނދަރު ހެދުން ހުއްޓުވާފައިވަނީ ބަނދަރު ކުޑަކަމަށް ބުނެ އެވެ.
ބަނދަރު ހަދާ ސަރަހައްދުގައި ރައްޔިތުން ޝުއޫރު ފާޅުކުރިއިރު ރައްޔިތުން ވަނީ ބަނދަރާ ބެހޭގޮތުން ސަރުކާރުން ގޮތެއް ކަނޑަނާޅައިފިނަމަ ސަރުކާރުގެ މުއައްސަސާތައް ބަންދުކުރާނެ ކަމުގެ އިންޒާރުދީފަ އެވެ. އަދި އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ޖަވާބެއް ނުލިބިއްޖެނަމަ ކައުންސިލް އިދާރާ ބަންދުކުރާނެ ކަމަށްވެސް ރައްޔިތުން ވަނީ ގޮވާލާފަ އެވެ.
ނަން ހާމަކުރުމަށްނުކުރުމަށް އެދި މުޒާހަރާގެ އިސް އޮފިޝަލަކު މި ނޫހަށް މައުލޫމާތުދިން ގޮތުގައި ކުރިނބީގެ ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން ކޭންޕެނު ދުވަސްވަރު ވައުދުވެ ވަޑައިގަތް ކަމަށާއި ނަމަވެސް ބަނދަރު ހަދަމުން ދަނީ ކުރީގައިވެސް ހަދަން ނިންމާފަ އޮތް ވަރަށް ކަމަށެވެ.
ހައުންސިން މިނިސްޓަރ މުއިއްޒް ވަނީ ކުރިނބީ ބަނދަރު ބޮޑުކޮށްދިނުމަށް އެދި ރަށުގެ ރައްޔިތުން ހުށައަޅާފައިނުވާ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައި ކަމަށްވެސް އޭނާ ބުންޏެވެ. ރައީސް އޮފީހުގެ އެދިލެއްވުމަކަށް ކުރިނބީ ކައުންސިލުން ބަނދަރު ބޮޑުކޮށްދިނުމަށްއެދި ސިޓީއެއް ފޮނުވާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އަދި ރައީސް އޮފީހުން ކުރިނބީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި 200-400 ފޫޓްގެ ބަނދަރަކަށް ކުރިނބީން އެދިފައިވާ ކަމަށް އެނގެން އެބަ އޮތް ކަމަށް އޭނާ މައުލޫމާތުދިނެވެ.
ނަމަވެސް މިނިސްޓަރ މަޖިލީހުގައި ވިދާޅުވެފައިވަނީ އެކަމަށް ކުރިނބީން އެދިފައިނުވާ ކަމަށެވެ. އެހެންކަމުން ރައްޔިތުން މިނިސްޓަރ ދެކެ ތިބީ ނުރުންވެފައި ކަމަށާއި މިނިސްޓަރުގެ އިސްތިއުފާއަށް މުޒާހަރާގައި ގޮވާފައިވާ ކަމަށް ކުރިނބީއިން މައުލޫމާތުދިނެވެ.
އަދި ހައުސިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރެއް ކުރިނބީ ރައްޔިތުންނަށް ނިސްބަތްކޮށް “ގުންޑާއިން” ކަމަށް ވިދާޅުވެފައިވާ ކަމަށްވެސް އޭނާ ބުނެ އެވެ.
ކުރިނބީ ބަނދަރުގެ މަސައްކަތް ކުރަމުންދަނީ ހެވީފޯސް ކުންފުނިންނެވެ. މި ބަނދަރަކީ 2011 ހަދަންފެށި ބަނދަރަކަށްވާއިރު ބަނދަރު ހަދަން ނިންމާފައިވާ ބޮޑުމިނަކީ150 ފޫޓް 300 ފޫޓެވެ.
ބަނދަރުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން މިހާރު ވަނީ މަސައްކަތް ހުއްޓާލާފަ އެވެ.