ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ތަޢާރަފްކޮށްފި އެވެ.
ބީއެމްއެލް އިން މި ޚިދުމަތްތައް ތަޢާރަފް ކުރީ އެބޭންކުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައެވެ.
މިއަދު ތައާރަފް ކުރެވުނު ޚިދުމަތުގެ ސަބަބުން ފައިސާ ނެގުމުގެ އިތުރުން، އޭޓީއެމް މެދުވެރިކޮށް ފައިސާ އަދި ޗެކް ޖަމާކުރުމާކުރުމުގެ ޚިދުމަތް މިހާރު މާލޭގެ 5 ސަރަހައްދެއްގައި ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައިވެސް ލިބޭނެ އެވެ.
މިއަދު ބޭންކް އޮފް މޯލްޑިވްސްގެ 32 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުން ދާ އިރު ބޭންކުން ވަނީ ޒަމާނީ ފެންވަރުގެ 22 އޭޓީއެމް މާލޭގެ 5 ތަނެއްގައި ބަހައްޓާފައެވެ.
މީގެ އިތުރުން ބީއެމްއެލްގެ ހުރިހާ އޭޓީއެމްއަކުންވެސް (އަތޮޅުތެރޭގައި ބެހެއްޓިފައިވާ އޭޓީއެމްތައް ވެސް ހިމެނޭ ގޮތަށް) ޓްރާންސްފަރ ކުރުމާއި ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް ބޭންކުން ވަނީ މިއަދު ތަޢާރަފްކޮށްފައެވެ. މި ބަދަލާއެކު ކުދި ވިޔާފާރިކުރާ ފަރާތްތަކުން ފިހާރަ ބަންދުކުރުމަށްފަހު ފަސާހަކަމާއެކު ޗެކާއި ފައިސާ ޖަމާކޮށްލެވޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ. އަދި އަމިއްލަ ފަރާތްތަކުން ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން ލޯން އަދި ކްރެޑިޓް ކާޑަށްވެސް އޭޓީއެމް އިން ފައިސާ ދެއްކޭނެއެވެ.
މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މި ތައާރަފް ކުރެވުނު ހިދުމަތްތަކުގެ
ސަބަބުން ބޭންކްގެ ކިއޫގައި މަޑުކުރަން ޖެހޭ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ އެވެ.
“ގިނަ ވަގުތު ކިއޫގައި މަޑުކުރަން ޖެހުމަކީ ބީއެމްއެލްވެސް ޝާމިލްވާގޮތަށް ރާއްޖޭގެ ހުރިހާ ބޭންކަކަށްވެސް ދިިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް. ބޭންކަށް ގޮސް އެތަކެއް ގަޑިއިރެއް ހޭދަކުރަން އެބަޖެހޭ. އެއީ އަޅުގަނޑުމެން ބަދަލުކުރަން ބޭނުންވާ ކަމެއް. ދުނިޔޭގެ އެހެން ގައުމުތަކުގައި، ހިނގާ މުޢާމަލާތްތަކުގެ %60 ކުރެވެނީ އޭޓީއެމް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް. އަދި ކަސްޓަމަރުން ބްރާންޗަށް ދާނަމަ 10 ނުވަތަ 15 ވަރަކަށް މިނެޓްތެރޭގައި ޚިދުމަތް ލިބޭ. އަޅުގަނޑުމެން ބޭނުމީ އެ ފެންވަރަށް ޚިދުމަތް ދޭން. މިކަން ހާޞިލްކުރުމަށް ވަގުތު ނަގާނެ، އެކަމަކު އަޅުގަނޑުމެން މިތިބީ މިކަމަށް އަޒުމް ކަނޑައަޅައިގެން.” އެންޑްރޫ ވިދާޅުވި އެވެ.
އެންޑްރޫ ވިދާޅުވީ، ޚިދުމަތް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތް ހަމައެކަނި މާލެއަށް ޚާއްސަ ކުރުމުގެ ބަދަލުގައި ލުއިފަސޭހަ ޚިދުމަތްތައް އަތޮޅުތެރެއަށްވެސް ތަޢާރަފްކުރައްވާނެ ކަމަށެވެ.
“މިއަދު މާލެއަށް މި ތަޢާރަފްކުރެވުނު ޚިދުމަތްތައް އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީ ބޮޑު ބައެއް ރަށްތަކަށް ތަޢާރަފްކުރެވޭނެ. އަޅުގަނޑުމެން ޚިދުމަތުގެ 32 އަހަރު ފާހަަގަ ކުރާއިރު އަތޮޅުތެރެއަށް ޚާއްސަ ސަމާލުކަމެއްދީގެން ޚިދުމަތްދޭ ހަމައެކަނި ބޭންކަކީ ބީއެމްއެލްކަން ފާހަގަކުރަން. ރާއްޖޭގެ 20 އަޮތޮޅެއްގައި ބީއެމްއެލްގެ ބްރާންޗް އެބަހުރި. އަދި އަޅުގަނޑުމެން މިދަނީ ޚިދުމަތުގެ ނެޓްވަރކް ފުޅާކޮށް އިތުރު އޭޓިއެމްވެސް ބަހައްޓަމުން. ސަރުކާރުގެ 5 ސްކީމެއް މެދުވެރިކޮށް ކުދި ވިޔަވާރިތަކަށާއި ކިޔަވާ ކުދިންނަށް މިދަނީ އެހީތެރިކަން ފޯރުކޮށްދެމުން. އަދި އަސާސީ ބޭންކިންގގެ ޚިދުމަތް ނުލިބޭ 176 ރަށަކަށް ފައިސާނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ތަޢާރަފްކުރުމުގެ ޕްރޮގްރާމް ފެށިގެން ކުރިއަށްދާކަން ވަކިން ޚާއްސަ ގޮތެއްގައި ފާހަގަކޮށްލަން.”