ޖަލާލުއްދީން ސްކޫލާއި ކުޅުދުއްފުށި ވިޔަފާރިވެރިން ގުޅިގެން ޓްރޭޑް ފެއަރއެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން އެ ސްކޫލްގެ އިންފޮމޭޝަން އޮފިސަރ އައިމިނަތު މުހައްމަދު ވިދާޅުވީ މި ޓްރޭޑް ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން 18 ވަނަ ދުވަހާ ހަމައަށް ޖަލާލުއްދީން ސްކޫލް ހޯލުގައި ކަމަށެވެ.
ކޮންމެ ދުވަހެއްގެ ރޭގަނޑު 8 ން 10:30 ށް ފެއަރ ހުޅުވިފައި ހުންނައިރު ފެއަރ ހުޅުވޭ ދުވަސް ކަމަށްވާ ހޮނިހިރު ދުވަހު ފެއަރ ހެނދުނު 9 ން ރޭގަނޑު 10:30 ށް ހުޅުވިފައި ހުންނާނެ ކަމަށް އައިމިނަތު ވިދާޅުވި އެވެ.
މި ފެއަރގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު އަދިވެސް ހުޅުވިފައިވާއިރު މިހާރު 25 ސްޓޯލް ވިކިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ފެއަރއަށް ޒިޔާރަތްކޮށް 100 ރުފިޔާއަށްވުރެ މަތީ ވިޔަފާރިއެއް ކުރާ ކޮންމެ ބޭފުޅަކަށް ލަކީޑްރޯއެއްގައި ބައިވެރިވެވޭނެ އެވެ. އަދި މި ފަރާތްތަކުގެ މެދުގައި ގުރުއަތުނަގައި ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ނަސީބުވެރި 3 ފަރާތަކަށް އަގުހުރި އިނާމްތަކެއް ލިބިގެންދާނެ ކަމަށް ޖަލާލުއްދީން ސްކޫލުން މައުލޫމާތުދެ އެވެ.
މި ފެއަރ ބޭއްވުމުގެ މަގުސަދަކީ ޖަލާލުއްދީން ސްކޫލްގެ ކިޔަވައިދިނުމުގެ ވަސީލަތްތައް ޑިޖިޓަލް ކުރުމުގެ މަޝްރޫއަށް ފައިސާ ހޯދުމެވެ.