ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޒިޔާދު ކުރިނބީ ރައްޔިތުންނަށް އިންޒާރުދީ “ގުންޑާ” ނިސްބަތްކޮށް ވާހަކަ ދެއްކިކަމަށް ފަތުރަމުންދާ ވާހަކަތައް މިނިސްޓަރ ދޮގުކުރައްވައިފި އެވެ.
ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާދު ދެއްވަމުން ސްޓޭޓް މިނިސްޓަރ އަބްދުﷲ ޒިޔާދު ވިދާޅުވީ ބަނދަރުގެ މަސައްކަތް ހުއްޓީފައި ގިނަދުވަހު އޮންނަނަމަ ރަށުން ކޮންޓްރެކްޓަރ ބޭލުމަށް ބުނެފައިވާނީ އެކަމަށް އިތުރު ހަރަދުތަކެއް ދާނެތީކަމަށާއި އެއްވެސް ހާލަތެއްގައި އިންޒާރެއް ދިނުމުގެ ގޮތުން ނޫން ކަމަށެވެ. ކުރިނބީ ބަނދަރު މައްސަލައާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވީ ކުރިނބީ ކައުންސިލް މެމްބަރ އަފުރާހާ ކަމަށާއި ރައްޔިތުންނަށް އިންޒާރު ދިނުމުގެ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވާނެ ކަމަށެވެ.
ކުރިނބީ ރައްޔިތުން ބޭނުންވަނީ ބަނދަރު އިތުރަށް ދިގުކޮށް ފުޅާ ކުރުމަށް ކަމަށްވިޔަސް އަދި ހަމަޖެހިފައިވަނީ ހަމައެކަނީ ބަނދަރު ފުޅާ ކުރުމަށް ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ. އަދި އެކަމަށް ބޮޑު ހަރަދެއް ހިނގާނެކަން ވެސް ޒިޔާދު ފާހަގަކުރެއްވި އެވެ.
އެގޮތުން މީހާރު ވާނީ ކުރިނބީ ކައުންސިލާއެކު ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފާ ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ.
އިތުރަށް މައުލޫމާތި ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރައްޔިތުން މުޒާހަރާކޮށްފައިވަނީ ސިޔާސީ މަގުސަދެއްގައި ކަމަށް ބެލެވޭ ކަމަށާއި އެހެންނަމަވެސް އެބޭފުޅުން މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާގޮތައް މަސައްކަތްތައް ނިންމަން ކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރަށަކަށް ވެސް ހަމަހަމައަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށް ވާތީ އެއްރަށެއްގެ ރައްޔިތުންގެ ހުރިހާ ޑިމާންޑެއް ކުއްލިޔަކަށް ފުރިހަމަކޮށް ދިނުމަށް ދަތިތަކެއް ކުރިމަތި ވާނެކަން ވެސް ޒިޔާދު ފާހަގަ ކުރެއްވި އެވެ.