އައިލެންޑް ސަފާރީގެ ކޮމްޕެނީގެ ސަފާރީއެއްގެ ސަންޑެކު މަތިން ވެއްޓުނު ފަތުރުވެރިޔާ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި މަރުވެއްޖެ އެވެ.
އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ހިނގި މިހާދިސާގައި މަރުވެފައިވަނީ 56 އަހަރު ފުރާންސްގެ ރައްޔިތެކެވެ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މިނޫހަށް މައުލޫމާތު ދެމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖާރ މުހައްމަދު ހަސަން ވިދާޅުވީ އިއްޔެ މެންދުރުފަހު 3:30 ހާއިރު ޒަހަމް ވެގެން ގެނައި ފަތުރުވެރިޔާގެ
ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މުހައްމަދު ވިދާޅުވީ ފަތުރުވެރިޔާ ގެނާއިރުވެސް ސީރިއަސް ކަމަށާއި ވެއްޓި ޒަހަމްވެފައިވަނީ ފަތުރުވެރިޔާގެ ބޮލުގެ ކަނާތްފަރާތު ފުށްކިބާޔާ ދިމާލުންކަމަށެވެ. އަދި އެދިމާލުން ފުންކޮށް ޒަހަމް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފްރާންސްގެ ފިރިހެން މި ފަތުރުވެރިޔާ ސަންޑެކުން ވެއްޓެއް ދިމާވީ އޭނާ ގޮނޑިއެއްގައި އިށީނަން އުޅުނު ވަގުތު ސަފާރީ ރޯލްވެ ގޮނޑި ކައްސާލައިގެންކަމަށް މައުލޫމާތުލިބެ އެވެ. އެވަގުތު އެގޮނޑި ހުރީ ލޮކްނުކޮށްކަމަށް މައުލޫމާތުލިބެ އެވެ.
އޭނާ ހޮސްޕިޓަލަށް ގެނާއިރު ބޮލުން ގިނަ އަދަދެއްގެ ލޭ ފައިބާވާކަމަށް މަންޒަރު ދުއް މީހުން މައުލޫމާތުދެ އެވެ.
އޭނާގެ ހަށިގަނޑު ގައުމަށް ގެންދިއުމަށްޓަކައި ރޭގެ ދަންވަރުގެ ވަގުތެއްގައި ވަނީ މާލެ ފޮނުވާލައިފަ އެވެ. .