މިދިޔަ އޮގަސްޓް 20 ވަނަ ދުވަހު ހަނިމާދޫ ކައުންސިލްގެ ރައީސްކަމުން މަގާމުން މުހައްމަދު ރާޒީ ދުރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް އެލްޖީއޭއިން އަންގައިފި އެވެ.
އެލްޖީއޭއިން މިހަފްތާގެ ހޯމަ ދުވަހު ހަނިމާދޫ ކައުންސިލަށް އަންގާފައިވާ ގޮތުގައި ހަނިމާދޫ ކައުންސިލުގެ ރައީސް މުހައްމަދު ރާޒީގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓު ނަގަފައިވަނީ ކައުންސިލްގެ ރައީސާއި ނައިބް ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމައި ގުޅޭ ގޮތުން އަމަލު ކުރަން ޖެހޭ ގޮތްތާއި ހިލާފަށް ކަމަށް އަންގާފަ އެވެ.
އިތުބާރުނެތް ކަމުގެ ވޯޓް ނެގުމާއި ގުޅިގެން އެއިރު ރައީސް މުހައްމަދު ރާޒީ ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓް ފާސްކުރަން ބޭއްވި ޖަލްސާއަކީ ގާނޫނީ ގޮތުން ބޭއްވޭނެ ޖަލްސާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ސަބަބަކީ ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ނެތް ހާލަތެއްގައި ކައުންސިލް ހިންގުމަށް ހަވާލުވާން ޖެހޭނީ ޖަލްސާއަކުން އެކަމަށް ކަނޑައަޅާ މެންބަރަކަށް ވާތީ ކަމަށެވެ.
މިކަމާ ބެހޭގޮތުން ހދ އަތޮޅު ކައުންސިލުން މައުލޫމާތު ދެމުން އަބްދުލްމުހައިމިން ވިދާޅުވީ މިހާރުދަނީ މިމައްސަލަ ބަލަމުން ކަމަށާއި އެހެންނަމަވެސް އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.