ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުން ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީވުމަކީ އުތުރަށް، އަދި ހާއްސަކޮށް ހދ އަތޮޅަށް ނުގެނެވިގެންއުޅޭ ފަތުރުވެރިކަމަށް ލިބިގެންދާނެ އެންމެ ބޮޑު ފުރުސަތު ކަމަށެވެ.
“އަޅުގަނޑުމެންގެ އުތުރަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރަށް އަޅުގަނޑު ޝުކުރުދަންނަވަން. އަދި ދާދި ފަހުން އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އުތުރަށް ކުރެއްވި ދަތުރުގައި އަޅުގަނޑުމެންނަށް ވަނީ ވަރަށް އުއްމީދީ ވާހަކަފުޅުތަކެއް ދައްކަވާފަ. އަދި އަޅުގަނޑުމެންގެ އުތުރުގެ ރައްޔިތުން، ހާއްސަކޮށް ހދ ގެ ރައްޔިތުން އަޅުގަނޑުމެން މި ތިބީ ވަރަށް އުފަލުން. އެހެންކަމަށްވާތީވެ އަޅުގަނޑުމެންނަށް މި އުފާވެރިކަން ދެމެހެއްޓުމަށް ޓަކައި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ބަދަލުވެގެންދާންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން.” ޝަހުދީ ވިދާޅުވި އެވެ.
ޝަހުދީ ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ މިހާރުވެސް އެންމެ މަތީ ފަންތިން ފެށިގެން އެންމެ ދަށް ފަންތިއަށް ފަތުރުވެރިންނާ އަދި ތިން އަތޮޅުގެ ރައްޔިތުން ބޭނުންކުރަމުންދާ އެއާޕޯޓަކަށް ވާއިރު މި އެއާޕޯޓްގެ ޓާމިނަލް މިހާރުވެސް ވަނީ “އަލިފާންފޮއްޓެއް ވަރު” ކަމަށާއި އެއާޕޯޓުގެ ޖެޓީ ގަދަ ދުވަސްވަރެއްގައި ބޭނުންކުރެވޭ ވަރަށް ވުރެ ގަދަވާ ކަމަށާއި މި ޖެޓީ ގަދަވުމުގެ ސަބަބުން، ވަރަށް ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައި އެބަ ހުރި ކަމަށެވެ. އަދި ވިއްސާރަ ދުވަސްވަރެއްގައި ފަސިންޖަރުން ހިނގާބިނގާވެއުޅެނީ ތެމިގެން ކަމަށްވެސް އަމިއްލަ ތަޖުރިބާއާއެކު އޭނާ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އެހެން ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ރިސޯޓުތައް ހުރެގެން އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ލިބޭ އުފަލާއި ލިބޭ އިޖްތިމާއީ ކުރިއެރުމާއި ލިބޭ މާލީ މަންފާ ހދ އަތޮޅުގެ ރައްޔިތުން ވެސް ބޭނުންވާ ކަމަށާއި ހދ އަތޮޅުގެ ރައްޔިތުން ވެސް އަނބިދަރީން ކައިރީ ތިބެގެން ވަޒީފާ އަދާކުރެވޭނެ ފަހި ފުރުސަތުތަކަށް އެދިއެދި ތިބި ކަމަށް ޝަހުދީ ވިދާޅުވި އެވެ.
“އެއްވެސް އިހުމާލުވުމެއް ނެތި އަޅުގަނޑުމެން ހދ އަތޮޅުގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށްދެއްވައި އަދި މިހާރު ސަރުކާރުން އިއުލާންކުރައްވާފައިވާ ސިޔާސަތާ އެއްގޮތަށް ވީހާވެސް އަވަހަކަށް މިކަން ގެންގޮސްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް ކަމުގައި އަޅުގަނޑު ދަންނަވަން.” ޝަހުދީ ވިދާޅުވި އެވެ.
ހދ އަތޮޅުގެ 18 ފަޅުރަށެއް ދޫކުރެވިފައިވާއިރު އެ ރަށްތަކުގައި ވަޒިފާ އަދާކުރާ ދިވެހީންގެ އަދަދަކީ 16 ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރިސޯޓް ތަރައްގީކުރުމަށް 4 ރަށެއް ދޫކޮށްފައިވާތާ ގިނަ އަހަރުތަކެއްވެފައިވާއިރު އަނެއްކާވެސް އިތުރު 5 ރަށެއް ރިސޯޓް ތަރައްގީ ކުރުމަށް އިއުލާން ކުރެއްވުމުން އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަން ލިބުނު ކަމަށާއި ނަމަވެސް އޭގެ ފޮނި މީރުކަން ލިބޭނީ ރިސޯޓްތައް އަވަހަށް ހުޅުވެގެން ދިއުމުން ކަމަށް ޝަހުދީ ވިދާޅުވި އެވެ.
ޝަހުދީ ވިދާޅުވީ އަތޮޅުގެ ރައްޔިތުންގެ އުފާވެރިކަން ދެމެހެއްޓުމަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ފެންވަރު ރަނގަޅުކޮށް ހދ އަތޮޅަށް ފަތުރުވެރިކަމުގެ ފޮނި މީރުކަން ލިބެންޖެހޭ ކަމަށެވެ.