ކުޅުދުއްފުށީ ސަރަހައްދުގައި އަލަށް ރިސޯޓް ހެދުމަށް އިއުލާން ކުރި 5 ރަށް ހުޅުވިގެންދާއިރު އައު 8000 ވަޒީފާ އުފެދިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުމުގެ އުފަލުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“ދާދި އިހަކަށް ދުވަހު އަޅުގަނޑުމެން އިއުލާން ކުރީ ކުޅުދުއްފުށީ ސަރަހައްދުން 5 ރިސޯޓް ހެދުމަށް. މި ރިސޯޓުތައް ހެދުމުގެ ބޭނުމަކީ ހަމައެކަނި ދައުލަތަށް އާމްދަނީ ހޯދުމެއް ވެސް ނޫން. މާލެއާ އެހާ ދުރުގަވެސް މި ރިސޯޓްތައް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ސަރަހައްދުގެ ޒުވާނުނަން ވަޒީފާގެ ފުރުސަތު ހޯދައިދިނުން” ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމިން ވިދާޅުވީ މި ފަސް ރިސޯޓް ހުޅުވިގެންދާއިރު އައު 8000 ވަޒީފާ އެ ސަރަހައްދުގައި އުފެދި، އެސަރަހައްދަށް އާރޯ ކަމެއް އަތުވެގެންދާނެ ކަމަށެވެ.
“އަޅުގަނޑު އުއްމީދު ކުރަނީ އަދި އިރާދަކުރެއްވިއްޔާ މި ފަސް ރިސޯޓް ހުޅުވިގެންދާއިރު، 5 ރިސޯޓަށް ހަމަ ގައިމުންވެސް އައު 8000 ވަޒީފާ އުފެދިގެންދާނެކަން. އަދި އެސަރަހައްދުގައި މިކަން ގާއިމު ވެއްޖެކަމަށް ވަންޏާ، މިއީ އެސަރަހައްދަށް އަންނަ އާރޯ ކަމެއް” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއީ ކުޅުދުއްފުށީ ސަރަހައްދުގެ ޒުވާނުން މާލެއަށް އައުމުގެ ބަދަލުގައި އެ ސަރަހައްދުން ޒުވާނުން ކުރިއަށްދެވޭނެ ޖާގަ ލިބިގެންދާ ފުރުސަތެއް ކަމަށެވެ.
ރޭގެ ޖަލްސާގައި، ރައީސްގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އަދި ރައީސް އޮފީހުގެ ސީނިއަރ އޮފިޝަލެއް ވާހަކަ ދެއްކެވި އެވެ. ހުރިހާ ބޭފުޅުންގެ ވާހަކަވެސް ބޮޑަށް އަމާޒުކޮށްފައިވަނީ މި ސަރުކާރުގެ ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ ކަންކަމުގެ ތަފްސީލުތަކުގެ މައްޗަށެވެ.