twitterviber whatsapp telegramfacebookyoutube instagram
28th March 2024

ދުނިޔޭގެ އެންމެ ފަގީރު ރައީސް އޭނާގެ މުސާރައިން %90 ސަދަގާތް ކުރޭ!

Nov 24, 2014

އުރުގުއޭގެ ރައީސް ހޯޒޭ މުހީކާއަށް މުސާރައެއްގެ ގޮތުގައި 12500 ޑޮލަރު ލިބޭއިރު އެ މުސާރައިން %90 އޭނާ ދަނީ ސަދަގާތް ކުރައްވަމުންނެވެ. އޭނާ ވިދާޅުވާ ގޮތުގައި މުސާރައިގެ ތެރެއިން އޭނާ ބޭނުންކުރަނީ 1250 ޑޮލަރު ކަމަށެވެ.

ދުނިޔޭގެ އެންމެ ފަގީރު ރައީސްގެ ނަމުން މަޝްހޫރުވެފައިވާ ހޯޒޭ އަކީ އުރުގުއޭގެ ރައީސް ކަމަށް ވީނަމަވެސް އޭނާ އުޅެމުންދަނީ ކުރިންވެސް އޭނާ ދިރިއުޅެމުންދިޔަ ދަނޑުވެރިކަންކުރާ ދަނޑެއްގައި ހަދާފައިވާ ކުޑަ ގެއެއްގަ އެވެ. އޭނާ ވަނީ ރައީސުން އުޅުމަށް ހަދާފައިވާ ގަނޑުވަރުގައި އުޅުމަށް އިންކާރުކޮށްފަ އެވެ.

“އަހަރެންނަށް އެންމެ ފަގީރު ރައީސްއޭ ކިޔާ. އެކަމަކު އަހަރެންނަށް ފަގީރުކަން އިހުސާސްއެއް ނުވޭ. ފަގީރުންނަކީ މުއްސަނދި ދިރިއުޅުމެއް އުޅެވޭތޯ މަސައްކަތްކުރާ މީހުން. އަދި އަބަދުވެސް އިތުރަށް ބޭނުންވާ މީހުން.” ހޯޒޭ ވިދާޅުވި އެވެ.

އޭނާގެ އަނބިމީހާ ސެން ލޫސިއާއަށް ލިބޭ މުސާރައިން ބައެއް އޭނާވެސް ދަނީ އެ ގައުމުގެ އެންޖީއޯތަކަށް ސަދަގާތް ކުރަމުންނެވެ. ހޯޒޭގެ ސެކިއުރިޓީއަށް އެ ގޭގައި ތިބޭނީ ދެ ގާޑުން އެކަންޏެވެ.

ދަތުރު ފަތުރުކުރުމަށް ބޮޑެތި މޮޅެތި ކާރުތަށް ބޭނުންކުރުމުގެ ބަދަލުގައި އަދިވެސް އޭނާ ބޭނުން ކުރަމުންދަނީ ކުރިންވެސް ގެންގުޅުނު އާދައިގެ ކާރެވެ. އޭނާ ދިރިއުޅޭ ގޭގައި ގަސް އިންދާ ބަގީޗާ ހެއްދުމަކީ އޭނާ ހުސްވަގުތު ކުރައްވާ މަސައްކަތެވެ.

“އަހަރެންގެ ދިރިއުޅުމުގެ ބޮޑުބައި އަހަރެން ހޭދަކުރީ މި ގޮތަށް. އަހަރެން އަތުގައިހުރި އެއްޗަކުން އަހަރެންނަށް އުޅެވޭނެ.” ހޯޒޭ ވިދާޅުވި އެވެ.

ހޯޒޭގެ ގަޔަށް 6 ފަހަރަށް ބަޑީގެ ވަޒަން އަރާފައިވާއިރު 14 އަހަރު އޭނާ ވަނީ ޖަލުގައި ހޭދަކޮށްފަ އެވެ. އޭނާ ޖަލުން މިނިވަންވެފައިވަނީ އުރުގުއޭއަށް ޑިމޮކްރެސީ ލިބުމާ ގުޅިގެން 1985 ގަ އެވެ.

މިފަހަކަށް އައިސް ލެޓިން އެމެރިކާގެ ގައުމަކުން ފެނުނު އެންމެ ތަފާތު ރައީސް ކަމަށްވާ ހޯޒޭ ރައީސް ކަމަށް އިންތިހާބުވެފައިވަނީ 2009 އަހަރު ބޮޑު އަގުލަބިއްޔަތަކާއެކު އެވެ. ނަމަވެސް އޭނާގެ މަގުބޫލުކަން ކުޑަވަމުންދާ ކަމަށް މިހާރު ހަބަރުތައް ބުނެ އެވެ. އެއީ އޭނާ ފާސްކޮށްފައިވާ ބައެއް ބިލްތަކުގެ ސަބަބުން ކަމަށްވެސް ހަބަރުތަކުގައިވެ އެވެ.

މިއަހަރު އޭނާގެ ރައީސް ކަމުގެ 5 އަހަރުގެ ދައުރު ހަމަވާއިރު އޭނާ ވަނީ ސިޔާސީ ދާއިރާއިން ދުރަށް ގޮސް ރިޓައާވުމަށް ނިންމާފަ އެވެ.

77 އަހަރުގެ ހޯޒޭ އެ ގައުމުގެ މެދުފަންތީގެ މީހެއްގެ ދިރިއުޅުން އުޅެމުންގެންދާއިރު ރައްޔިތުން އުޅޭ ހާލާއި ދިރިއުޅުމަށް އުފުލާ ބުރަ އޭނާއަށް އިހުސާސްކުރެވި އެ ކަންކަމަށް ހައްލެއް ގެނެސްދިނުމަށް ފަސޭހަވާނެ ކަމަށް އެ ގައުމުގެ ގިނަ ރައްޔިތުން ގަބޫލުކުރެ އެވެ.

ކޮންމެ ރައީސްއަކީ މިފަދަ ނިކަމެތި ހާލުގައި އުޅެން މަޖޫބޫރު ރައީސްއެއް ނޫނެވެ. ނަމަވެސް ރައްޔިތުންގެ އިހުސާސް ދެނެގަނެ ރައްޔިތުން އުޅެމުންދާ ހާލު އަމިއްލައަށް ތަޖުރިބާކުރެވުމުން ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަކީ ޝައްކެއްނެތް ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355