ދުނިޔޭގެ އާބާދީގެ 2 ބިލިއަނަށްވުރެ ގިނަ މީހުން މިހާރުދަނީ ސްމާޓް ފޯން ބޭނުން ކުރަމުންނެވެ. މޯބައިލް ފޯނުގެ ރޭޑިއޭޝަންގެ ސަބަބުން ކުރިމަތިވެދާނެ މައްސަލައާމެދު ކަންބޮޑުވަނީ މަދު ބައެކެވެ. ނަމަވެސް މި ފަހަރު މި ބަލައިލަނީ މޯބައިލް ފޯނުގެ ސަބަބުން ކުރިމަތިވާ ރޭޑިއޭޝަން ކެންސަރުގެ މައްސަލައަކަށް ނޫނެވެ. ސްމާޓް ފޯން ތަކަށް ބެލުމުގެ ސަބަބުން އިތުރުވަމުން އަންނަ ބުރަކަށީގެ މައްސަލަތަކަށެވެ.
ސާޖަރީ ޓެކްނޮލޮޖީ އިންޓަނޭޝަނަލްގެ ފަރާތުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މޯބައިލް ފޯންއަށް ބަލަން އިނދެވޭ ގޮތަކުން މައިބަދައަށް 60 ޕައުންޑް (ގާތްގަނޑަކަށް 27 ކިލޯ) ގެ ބަރުދަން އުފުލަން ޖެހެއެވެ. މިހެން ދިމާވަނީ އެ މީހަކު ފޯނަށް ބަލަން އިންނައިރު ބޯ އަރިކުރާ ނިސްބަތަކުންނެވެ. އާންމު ގޮތެއްގައި ދުވާލެއްގެ މައްޗަށް މީހަކު 150 އަށްވުރެ ގިނަ ފަހަރު ފޯނަށް ބަލައެވެ. އެއީ އެވްރެޖްކޮށް ބަލާ ނަމަ ކޮންމެ 6 މިނެޓަކުން އެއް ފަހަރު އެވެ.
އެވްރެޖްކޮށް އިންސާނެއްގެ ބޮލުގައި 5 ކިލޯގެ ބަރުދަން ހުންނައިރު 15 ޑިގްރީއަށް ބޯ އަރިކޮށްފިނަމަ 12 ކިލޯގެ ބަރުދަނާ އެއްވަރުގެ ނިސްބަތެއް މައިބަދައަށް އުފުލަން ޖެހެއެވެ. އަދި 30 ޑިގްރީއަށް އަރިކޮށްފިނަމަ 18 ކިލޯއާ އެއްވަރުގެ ބަރުދަނެއް އުފުލަން ޖެހޭއިރު 60 ޑިގްރީއަށް އަރިކޮށްފިނަމަ 27 ކިލޯ ނުވަތަ 60 ޕައުންޑްގެ ބަރުދަނާ އެއްވަރެއް އުފުލަން ޖެހެއެވެ.
“އެއް ދުވަހު ގިނައިރު މޯބައިލް ފޯނު ބޭނުންކުރުމުގެ ސަބަބުން މިހެން ދިމާނުވެ ހުރެދާނެ. ނަމަވެސް ބުރަކަށީގެ މަސްތަކާއި ކަރުގެ މަސްތަކުގެ ބާރު ދަށްވެ އޮޕަރޭޝަނާ ހަމައަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް އަވަސްވެގެން ދާނެ.” ބުރަކަށީގެ ސާޖަންއެއް ކަމުގައިވާ ކެނެތު ހެންސްރާޖް އިތުރަށް ހާމަކުރިއެވެ.
މޯބައިލް ފޯނުގެ ސަބަބުން ދިމާވާ ބުރަކަށީގެ މައްސަލަތަކާމެދު ތިމާ ހާސްނުވާނަމަ މޯބައިލް ފޯނުގެ ރޭޑިއޭޝަންގެ ސަބަބުން ކުރިމަތިވާ ކެންސަރާމެދު ވިސްނާލުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކިލަމާތޯ އެވެ.