އިހުލާސް ގުރުއާން ކުލާހުގެ ދެވަނަ ޓާމްގެ ނަތީޖާ ފާޅުކޮށްފި އެވެ.
ނަތީޖާ ފާޅުކުރުމަށް ތިލަދެކުނު ސިނަމާގައި ބޭއްވި ހާއްސަ ރަސްމިޔާތު ޝަރަފުވެރިކޮށް ދެއްވާފައިވަނީ ޑިވިޝަން ކޮމާންޑަރ އިނިސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލު އެވެ.
ނަސްރުﷲ ދެއްކެވި ވާހަކަފުޅުގައި ގުރުއާން އުނގަންނައިދޭ މީހާއަށާއި ގުރުއާން ކިޔަވާ ކުދިންނަށާއި އެކަމަށް މަގުފަހިކޮށްދެއްވާ ފަރާތްތަކަށް ލިބޭނެ ދަރުމައާއި ސަވާބުގެމައްޗަށް އަލިއަޅުވައިލައްވައި ތަޖުވީދުމަގުން ރީތިކޮށް ކީރިތި ގުރުއާން ކިޔެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވެ އެވެ.
މި ހަފުލާގައި އެ ކުލާހުގެ ހެޑްމާސްޓަރ މޫސާ މާހިރު ވިދާޅުވީ އަންނަ އަހަރު ގުރުއާން ހިތުދަސްކުރާ ކުލާހެއް ފެށޭނެކަމަށާއި އިހުލާސް ގުރުއާން ކުލާހުގެ ފަރާތުން އަހަރަކު 1 ފަހަރު ފެންވަރު ރަނގަޅު ޑިޖިޓަލް ގުރުއާން މުބާރާތެއް ބާއްވާނެ ކަމަށާއި އަންނަ އަހަރުން ފެށިގެން އަހަރުގެ ކޮންމެ ޓާމެއްގައިވެސް ނަތީޖާ ފާޅުކޮށް އިނާމުދޭނެ ކަމަށެވެ.
އިހުލާސް ގުރުއާން ކުލާހުގެ މަގުސަދަކީ ކުޅުދުއްފުށީގެ ރައްޔިތުން ގުރުއާނަށް އަހުލުވެރިކޮށް ތަޖުވީދުގެ ހަމަތަކުގެ މަތިން ގުރުއާން ކިޔަވަން ލޯބިކުރާ ދަރިންތަކެއް އުފެއްދުން ކަމަށް މޫސާ މާހިރު ވިދާޅުވި އެވެ.
ދެވަނަ ޓާމްގައި އެ ކުލާހުގެ 41 ދަރިވަރަކު އޭ ރިޕޯޓް ހޯދާފައިވާއިރު ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ބައްސަވައިދެއްވީ ޝަރަފުވެރި މެހްމާނާއި އަފީފުއްދީން ސްކޫލުގެ ގްރެޖުއޭޓް ލީޑިން ޓީޗަރ އާބިދާ އާދަމާއި އަފީފުއްދީން ސްކޫލުގެ ގްރެޖުއޭޓް ލީޑިން ޓީޗަރ އާއިޝަތު މުހައްމަދާއި ހިލާލުލް ގުރުއާން ކުލާހުގެ މުދައްރިސާ ޝިޔާމާ އިބްރާހީމާއި އިހުލާސް ގުރުއާން ކުލާހުގެ ގުރުއާން މުދައްރިސް ރޫހްލް އަމީން އަބްދުﷲ އަދި އިހުލާސް ގުރުއާން ކުލާހުގެ ހެޑްމާސްޓަރ މޫސާ މާހިރެވެ.
އިހުލާސް ގުރުއާން ކުލާހުގެ 10 ކުލާހުން ކޮންމެ ކުލާހެއްގެ އެންމެ މޮޅު 3 ދަރިވަރުން ހޮވާ ހަނދާނީ ފިލާ ދީފައިވާއިރު އިހުލާސް ގުރުއާން ކުލާހުގެ އެންމެ މޮޅު 10 ދަރިވަރުންނަށްވެސް ވަނީ ހަނދާނީ ފިލާ ދިފަ އެވެ.