ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ކުދިން ގުޅިގެން އުފައްދާފައިވާ ބްލައިންޑް އެސޯސިއޭޝަނުން ދުނިޔޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހދ ކުރިނބީގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ބްލައިންޑް އެސޯސިއޭޝަންގެ ފަރާތުން ކުޅުދުއްފުށި އޮންލައިންނަށް މައުލޫމާތު ދެއްވަމުން އަލީ ޝަމީމް ވިދާޅުވީ ދުނިޔޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސްކަމުގައިވާ ޑިސެންބަރު މަހުގެ ތިންވަނަ ދުވަސް ފާހަގަކުރުމަށް ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހާއްސަ ހަރަކާތްތަކެއް ކުރިނބީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އެއްވަނަ ދުވަހު މަދަހަ މުބާރާތެއް ކުރިއަށްދާނެ ކަމަށާއި ދެވަނަ ދުވަހު ކުރިނބީން ހޮވާލެވޭ ޓީމަކާއި އެސޯސިއެޝަންގެ މެމްބަރުންގެ ޓީމެއްގެ މެދުގައި ފޯރިގަދަ ބަހުސްއެއް ކުރިއަށްދާނެ ކަމަށް އަލީ ވިދާޅުވި އެވެ. ބަހުސްގެ މައުލޫއަކީ މިހާރު މުޖުތަމައުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލައިގަނޭތޯ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދެވަނަ ދުވަހުގެ ރޭގަނޑު މި ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާއިރު އެދުވަހު ހަވީރު ހާއްސަ ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ކަމަށްވާ ޑިސެމްބަރު ތިންވަނަ ދުވަހުގެ ހަވީރު އާއިލީ ހަވީރެއް ކުރިނބީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މި ހަވީރުގައި އެ ޖަމިއްޔާއިން މިހާތަނަށް ކޮށްފައިވާ ކަންތައްތަކާއި ކުރިއަށް ރާވާފައިވާ ކަންތައްތަކުގެ އިތުރުން ނުކުޅެދުންތރިކަން ހުންނަ މީހުންނާ ބެހޭ އެތައް މައުލޫމާތެއް ދެވޭނެ ކަމަށް އަލީ ޝަމީމް މައުލޫމާތުދިނެވެ.
ތިންވަނަ ދުވަހުގެ ރޭ ދުވަހަށް ހާއްސަކޮށްގެން ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ޖަލްސާގައި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އެސޯސިއޭޝަންގެ ވެބްސައިޓް ލޯންޗްކުރުމުގެ އިތުރުންވެސް އެތައް “ސަޕްރިއިޒިން” ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.
އޭނާ މައުލޫމާތު ދިންގޮތުގައި އެ އެސޯސިއޭޝަންގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނާއި ބެލެނިވެރިން ދީނަށް ހެލުންތެރިކުރުން ކަމަށާއި އެހެންކަމުން ހަތަރުވަނަ ދުވަހުގެ ރޭ ހާއްސަ ދަރުހެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ހަރަކާތްތައް ކުރިނބީގައި ކުރިއަށް ގެންދިއުމަށް ހަމަޖެއްސީ ހދ އަތޮޅަކީ ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ކުދިންނާއި މީހުން އެންމެ ގިނަ އެއް އަތޮޅަށްވެފައި އެ އެސޯސިއޭޝަންގެ އެންމެ މެމްބަރުން ގިނަ އަތޮޅަށްވާތީ ކަމަށް އަލީ ވިދާޅުވި އެވެ. އަދި ކުރިނބީގައިވެސް ވަރަށް ގިނަ މެމްބަރުން އުޅޭ ކަމަށާއި އެންމެ ހަރަކާތްތެރި އެންމެ އެހީތެރިކަން ފޯރުކޮށްދޭ މެމްބަރުންވެސް ތިބީ ކުރިނބީގައި ކަމަށް އަލީ ވިދާޅުވި އެވެ.
މި ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުން އެސޯސިއޭޝަންގެ މެމްބަރުން ކުރިނބީއަށް ދާނެ ކަމަށާއި އެގޮތުން އައްޑޫ އާއި ފ އަތޮޅުންވެސް ލޯފަން ކުދިން ކުރިނބީއަށް ދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އޭނާ މައުލޫމާތު ދިނެވެ.
ބްލައިންޑް އެސޯސިއޭޝަނަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތަކަށް ވަކާލާތުކުރުމަށްޓަކައި ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ކުދިންތަކެއް ގުޅިގެން 2010 ވަނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އުފެއްދި ޖަމިއްޔާއެކެވެ. މިހާރު އެ ޖަމިއްޔާގައި މެންބަރުންގެ ގޮތުގައި 96 މީހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.