twitterviber whatsapp telegramfacebookyoutube instagram
28th November 2024

ވައިކަރަމުރައިދޫ ފަތުރުވެރިކަމަށް ހުޅުވާލުމާއެކު ދަނޑުވެރިކަމުގެ މަސައްކަތް މެކުހަށް

Nov 25, 2014

ހދ. ވައިކަރަމުރާދޫ އަކީ 1994 ވަނަ އަހަރު ސަރުކާރުން ދަނޑުވެރިކަން ކުރުމަށް، މ. އޮމަދޫ އަލްމަރުހޫމް ޢަލީ އަބްދުﷲއަށް ދޫކޮށްފައިވާ 58.17 ހެކްޓަރުގެ ރަށެކެވެ. ހދ. އަތޮޅުގައި އޮތް އެންމެ ހިތްގައިމު ރަށްތަކުގެ ތެރެއިން ރަށެކެވެ. 21 އަހަރުގެ މުއްދަތައް ކުއްޔައްދީފައިވާއިރު އަންނަ އަހަރުގެ އޭޕްރީލް އަށް މިރަށުގެ މުއްދަތު ހަމަވެގެންދާނެއެވެ. މިހާރު މިރަށަކީ ފަތުރުވެރިކަމަށް ހދ. އަތޮޅުން ހުޅުވާލި 5 ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ރައީސް ޔާމިން ރިޔާސީ ކެންޕޭންތެރޭގައި މިރަށް ފަތުރުވެރިކަމަށް ހުޅުވާލާނެކަމަށް ވަނީ ވިދާޅުވެފައެވެ. ހުޅުވާލި 5 ރަށުގެ ތެރެއިން ބިޑްއަށް ހުޅުވާނުލާ އޮތީ ކޭލަކުނާއި ވައިކަރަމުރައިދޫއެވެ.

ވައިކަރަމުރައިދޫ އަކީ ފަތުރުވެރިކަން ތަރައްޤީ ކުރާ ރަށެއްގެ ގޮތުގައި ރައީސް އިޢުލާން ކުރެއްވުމާއި އެކު އަތޮޅު ރައްޔިތުންނަށް ލިބިގެން ދިޔައީ ފޮނި އުންމީދެކެވެ. ލިބުނު އުންމީދީ ޚަބަރައިގެން ރައްޔިތުން މިއަދުވެސް ތިބީ ހޭލައެވެ. އެރަށުގައި ކުރާ މަސައްކަތާއި ސަރުކާރުން އެރަށާއި މެދު ނިންމާ ނިންމުންތަށް ވަރަށް ގާތުން ބަލަމުންނެވެ. މިވަގުތު ރައްޔިތުން ސުވާލު އުފައްދާ އެއްކަމަކީ ފަތުރުވެރިކަމަށް ނަގަން އިޢުލާން ކޮށްފައި ވަނިކޮން އިތުރު އާރޯކަމާއި އިތުރު ބޮޑެތި އިންވެސްޓް މެންޓް ތަކެއްކޮށް އެރަށުގެ ބޮޑު ބަޔެއް ކޮށާ ހުއްޓިފައިވާ ދަނޑުވެރިކަން ބާރަށް ކުރަން ފަށައިގެން ސަބަބެވެ. އަންނަ އަހަރު އޭޕްރީލް މަހު އެގްރީމެންޓް ހަމަވެގެންދާއިރު އެގްރީމެންޓްގައި ވާގޮތުން 6 މަސްކުރިން އެފަރާތާއި ހަވާލުވެގެން ތިބި ބަޔަކަށް އަންގަންޖެހެއެވެ. ހުއްޓިފައިވާ ދަނޑުވެރިކަން ބާރު ސްޕީޑްގައި ކުރުމުގެ ފަހަތުގައި ވާ ސިއްރަކީ ކޮބައިތޯއެވެ.

މިރަށް ދަނޑުވެރިކަން ކުރުމަށް ކަމަށްބުނެ 21 އަހަރު ވަންދެން ނަގައިގެން އުޅޭ ފަރާތުގެ އަތުން މިނިވަން ކޮށް 25000 ރައްޔިތުންނަށް އެކަށީގެންވާ ވަޒީފާއެއް ހުޅުވިގެންދާނީ ފަތުރުވެރިކަމަށް މިރަށް ހުޅުވާލައިގެން ކަމާމެދު މިއަތޮޅުގެ ރައްޔިތުން އިއްތިފާގުވެއެވެ. މިކަން މިރޮގުން ކުރުމަށް ތަފާތު އެކި ފަހަރު މަތިން މިއަތޮޅުގެ ރައްޔިތުންނާއި ނިމިދިޔަ އަތޮޅު ކައުންސިލް އަދި މިދައުރު ކައުންސިލުން ދަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއްކަމަކަކީ ހދ އަތޮޅުގެ 13 ރަށުގެ ރަށު ކައުންސިލްތަކުން އިއްތިފާގުވެ، ވައިކަރަމުރައިދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅަން ބޭނުންވާކަމަށް ބުނެ މިއަހަރު ކުރީ ކޮޅު ގަރާރެއް ފާސްކޮށް ކަމާބެހޭ ފަރާތްތަކަށް ހުށައަޅާފައިވެއެވެ. އެކި ދައުރުގައި އެކި މިނިސްޓަރުންނާއި ބައްދަލުކޮށް މިރަށުގެ ޝަކުވާ އާއި މިރަށް މުހިންމުވާ ސަބަބު ވަކި ވަކި ފަރުދުންނާއި ދާއިރާ ތަކުގެ މަޖްލިސް މެންބަރުން މެދުވެރިކޮށް ބަޔާންކޮށްދީފައިވެއެވެ.

ޖުމްލަ 27 މުވައްޒަފުން މަސައްކަތްކުރާ މިރަށުގައި 3 ދިވެހިން ތިބުމަކީ އިތުރަށް ވަޒީފާގެ ކަންކަމާއި ސުވާލު ކުރަން ޖެހޭކަމެކެވެ. ހދ. އަތޮޅުގައި އޮތް 18 ފަޅުރަށުގައި 16 ދިވެހިން ވަޒީފާ އަދާކުރަންޖެހިފައިވަނީ މިފަދަ ބޮޑެތި ފަޅުރަށްތަކުގެ ނަފާ އެދެވޭ ގޮތެއްގައި ނުލިބޭތީކަން ޔަޤީނެވެ. ދިވެހި މުވައްޒަފުންނަށް ވަޒީފާއާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ހައްޤުތައް ލިބެންނެތުމާއި އެރަށުގައި ޒަރޫރީ ބޭނުންތަށް ފުއްދާލެވެން ނެތުމީ ސުވާލު އުފެދޭކަމެކެވެ. މީގެ 21 އަހަރު ކުރިންވެސް އެރަށުގައި ކަރަންޓް ހުންނަ ކަމަށް ވަނީ އިރުއޮއްސި 6 ކުން ރޭގަނޑު 11 އަށެވެ.

ދިވެހި މުވައްޒަފުންނަށް އަހަރީ ޗުއްޓީއާއި ހަފްތާ ބަންދު ޔަޤީން ވެފައި ނުވިޔަސް 11 ޖަހާއިރު ކަރަންޓް ކަނޑާލާނޭކަމީ ޔަޤީން ކަމާއި އެކު ކުރާ އެއްކަމެވެ. ތެދެކެވެ. 100 ޑޮލަރަށް، ހަފްތާ ބަންދެއް ނެތި ޒަރޫރީ ބޭނުން ފުއްދާނުދެވޭ ގޮތެއްނެތި، ވަޒީފާ އަދާކުރާނޭ ދިވެހިންނެއް ނުވާނެއެވެ. މިއީ 1988 ވަނަ އަހަރެއްނޫނެވެ. 2014 ވަނަ އަހަރުގެ ފަހުކޮޅެވެ. އިރެއްގައި ދެވަނަ ރަށްވެހި ފަރާތުން ރަށްވެރިޔާއަށް ބަދަލުވެ ޕްރޮޕޯސަލް ހުށައެޅި 3 ބައިމީހުން ބާކީކޮށް ޕްރޮމޯޓުވީ ޒަމާން މާޒީވެ ހިންގައްޖެއެވެ. 21 އަހަރުވަންދެން ކުރީ ބިލިޔަން ޑޮލަރުގެ އިންވެސްޓެއްތޯއެވެ. އުފުލާ ނުގެންދެވޭނޭ އިންވެސްޓްއެއް ހުރީ މޫދު ގައި އަޅާފައިހުރި މޫދުގެއެވެ. ޗުއްޓީ ހޭދަކޮށްލަން ދާ ޕިކްނިކް އައިލެންޑް ގައި ފަހުގެ ތާރީހެއްގައި މާބޮޑެތި އިންވެސްޓް އެއްކޮށްފައި ނެތްކަމީ މިރަށް މިހިނދުން މިހިނދަށް ނަގަން ޖެހޭ އެއްސަބަބުވެސް މެއެވެ. ކޮންޕެނީގެ ގުދަނެއްގެ ގޮތުގައި އޮޑި ހަރުގެ އެއްގެ ގޮތުގައި ލައްކަ ޒަމާން ބޭނުން ކުރީ 25000 ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތިއެވެ.

ރައީސް ޔާމިން ވަނީ މިރަށް ޓުއައިޒަމަށް ނަގަން އިޢުލާން ކުރަށްވާފައެވެ. ދަނޑުބިންތަކުގެ މަސައްކަތް މީން ޒަމާނަކު ނުކުރާހާ ބާރު ސްޕީޑްގައި ކުރިއަށް ގެންދަނީ މީގެ 21 އަހަރު ކުރިން “ދެވަނަ ރަށްވެރިޔާ ރަށުގައި ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފައިވާކަމަށާއި މިރަށް އެހެންފަރާތަށް ދެއްވުމަކީ އެފަރާތަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމެއް ކަމުގައިވާތީ” ރައްޔިތުން ގުރުބާން ކޮށްފައި އެގްރީމެންޓް އައު ކުރުން ބާއެވެ. ފިޝަރީޒް އެންޑް އެގްރުކަލްޗަރު މިނިސްޓްރީގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ނެރުނު އިރު ހދ. ވައިކަރަމުރައިދޫ ދޫކޮށްފައި ވަނީ ނަހަމަ ގޮތުގައި ކަމަށް ބަޔާންކޮށްފައި އޮތުމަކީ މިއަދު އެކަން ހިންގާފައިވާ ގޮތާ މެދު ވިސްނާލަން ޖެހޭ ކަމެކެވެ. ރައްޔިތުންނަށް އޮޑިޓް ރިޕޯޓުގައި ހުރި މަޢުލޫމާތު ތިރީގައި ހިއްސާކޮށްލަމެވެ. އަނެއްކާވެސް ނަހަމަ ގޮތުގައި މިރަށް ރައްޔިތުންގެ އަތުން ބީވެގެން ގޮސްދާނެއެވެ.

2.2.11 ނަހަމަ ގޮތެއްގައި ދީފައިވާ ރަށްތައް

ހ. ތިލަދުންމަތީ ދެކުނުބުރީ ވައިކަރަމުރައިދޫ: މިރަށަކީ 01 ނޮވެމްބަރ 1987 ގައި ވަރުވާއަށް ލިޔެދެވިފައިވާ 58.17 ހެކްޓަރުގެ ރަށެކެވެ. އަދި 19 ނޮވެމްބަރ 1988 ގައި މިރަށް ދެވަނަ ރަށްވެރިއެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރައްވާފައިވެއެވެ. 8 ފެބްރުއަރީ 1994 ގައި ދެވަނަ ރަށްވެރިޔާއަށް ރަށްބަދަލު ކޮށްދެއްވުމަށް އެދި ރަށްވެރިޔާ ސިޓީއެއް ހުށަހެޅުއްވުމާއި ގުޅިގެން މިނިސްޓްރީއިން ޖަވާބުދެއްވާފައިވަނީ މިގޮތަށް ރަށްބަދަލު ކުރެވޭނެ އުސޫލެއް ނޯންނަކަމަށާއި އަދި އަވަސް ފުރުޞަތެއްގެ ތެރޭގައި މިރަށް ކުއްޔަށް ދިނުމަށް އާންމުކޮށް އިޢުލާނު ކުރެވޭނެ ކަމުގައެވެ.

މިގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ހުއްދަ ލިބިގެން ކުރެވުނު އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުއްވި 3 ފަރާތުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތް މިނިސްޓްރީން ނިންމާފައިވަނިކޮށް، ދެވަނަ ރަށްވެރިޔާ ރަށުގައި ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފައިވާކަމަށާއި މިރަށް އެހެންފަރާތަށް ދެއްވުމަކީ އެފަރާތަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމެއް ކަމުގައިވާތީ، މިރަށް އެފަރާތަށް ދެއްވުމަށް އެދި މިނިސްޓްރީން އެދިވަޑައިގަތުމުން މިނިސްޓްރީއިން މިކަމުގެ ލަފާފުޅަކަށް އެދުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައިވަނީ، އެންމެ ރަނގަޅު އަގެއްހުށައެޅުއްވި ފަރާތުން ހުށައެޅުއްވި އަގާ އެއްވަރުގެ އަގަކަށް ރަށްކުއްޔަށް ހިފުމަށް ދެވަނަ ރަށްވެރިޔާ އެއްބަސްވެ ވަޑައިގަނަންވާނަމަ، އެރަށް އެފަރާތަށް ކުއްޔަށް ދެއްވުމަށެވެ.

މިގޮތުން 1 މެއި 1995 ގައި އެގްރިމެންޓް ކުރެވި މިފަރާތަށް މިރަށްވަނީ ދަނޑުވެރިކަން، ލައިވްސްޓޮކް ގެންގުޅުމާއި މަސްވެރިކަމާއު ގުޅޭ ސިނާއީ މަސައްކަތްތައް ކުރުމަށް ކުއްޔަށް ދެވިފައެވެ. މިތޮތަށް އިޢުލާން ކުރުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅުއްވި ފަރާތްނޫން އެހެންފަރާތަކަށް ރަށް ހަވާލުކުރެވިގެން ވާނެކަމަށް މިއޮފީހަށް ނުފެންނަކަމަށާއި މިއީ ސީދާ ވަކިފަރާތަކަށް ރަށްދެވިފައިވާ ކަމަށްބެލެވޭ ކަމެއް ކަމުގައި އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އަދިވެސް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާގޮތުން މިރަށުގައި ބޮޑު ދޯންޏެއް ބަނދެ ނިމެންކައިރި ވެފައިވާކަމަށް 2001 ގައި މިރަށް ބެއްލެވުމަށްފަހު މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓްގައިވާ ކަމަށާއި، މިދޯނި ބަނުމަށް މިނިސްޓްރީއިން ހުއްދަ ހޯދާފައި ނުވާކަމުގައި ފާހަގަ ކުރެވެއެވެ.

ވީމާ، އަޅުއްވަން ހުށަހަޅާ އިޞްލާޙީ ފިޔަވަޅުތައް:

ހ. ވަރުވާއަށް އެހެން ފަރާތަކަށް ލިޔެދެވިފައިވާ ރަށެއްގައި ދެވަނަ ރަށްވެރިއަކު އިންވެސްޓްކޮށްގެން އިމާރާތް އެޅުން ފަދަ މަސައްކަތް ކުރުމަކީ “ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގަވާއިދު” ގެ 29 ވަނަ މާއްދާއާއި ޚިލާފުކަމަށް ވާއިރު މިރަށުގައި މިފަރާތުން އިންވެސްޓްކޮށް، އަދި ސިނާއީ މަސައްކަތްތަކެއް ކޮށްފައިވުމަކީ ރަނގަޅު ގޮތެއްކަމަށް ނުފެންނަ ކަމުގައި ފާހަގަ ކުރަމެވެ.

ށ. އާންމުކޮން އިޢުލާންކުރެވި ވާދަވެރި ބިޑަކަށް ގޮސްގެން ރަށް ކުއްޔަށް ދިނުމަށް އެންމެ އެކަށީގެންވާ ފަރާތެއް ނިންމިފައިވަނިކޮށް އެހެން ފަރާތަކަށް ރަށްދިނުމަކީ ވާދަވެރި ބިޑަކަށް ދިއުމުގެ މަޤްސަދާއި ބިޑުގެ ރޫޙް ޚިލާފުމަކެއްކަމުގައިވެސް ދަންނަވަމެވެ.

ނޯޓް: މިއީ މިހާރު ކުރިއަށްދާ މީޑިއާތަކުގެ ކެމްޕެއިން ”ހދ ފަތުރުވެރިކަމަށް ދަހިވެފައި” ގައި ބައިވެރިވާ ހުރިހާ މީޑިއާއެއްގައި ލިއަމުން ދާ ސިލްސިލާގެ ލިޔުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355