މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކުޅުދުއްފުށީ ގެއެއް ބަލާ ފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ބޭނުން ކުރަން ތިބި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 32 އަހަރުގެ ދެ މީހަކާއި 25 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީ ދިވެހީން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުން އެވަގުތު ތިބި ކޮޓަރިއާއި އެމީހުންގެ ހަށިގަނޑު ބަލައިފާސްކުރިއިރު އެތަނުން އެކެއްގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކުޑަ ރަބަރު ކޮޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާތީ ކަމަށެވެ.
މީގެއިތުރުން އެ ކޮޓަރި ތެރެއިން މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަގުނޫޓްކަމަށް ބެލެވޭ 500 ރުފިޔާގެ ދެ ނޫޓް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯހަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާފައިވާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގީ ކުރިއަށް ގެންދިއުމަށް މުއްދަތު ދީފަ އެވެ. އެގޮތުން 32 އަހަރުގެ ދެ މީހުންގެ ތެރެއިން އެކަކަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އަނެއް ދެ މީހުންނަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި ތިންމީހުންނަކީ ވެސް މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުން ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
މިމައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.