ރާއްޖޭގެ އެންމެ ބޮޑު އެއް ވަޒީފާދޭ ފަރާތެއްކަމަށްވާ ބޭންކް އޮފް މޯލްޑިވްސް އިން އެ ބޭންކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް އަމާޒުކޮށް އާއިލާ އާ އެކު ވަގުތު ހޭދަކުރެވޭނެ ފަދަ އުސޫލުތަކެއް ތަޢާރަފްކުރުމަށް ނިންމައިފިއެވެ.
ސީ.އެމް.ޑީ.އޭ ގެ ފަރާތުން އިންތިޒާމުކޮށްގެން މިއަދު ބޭއްވި “ވިމެން އޮން ބޯރޑްސް” ސެމިނާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ “އަޅުގަނޑުމެން ބޭނުންވަނީ މަސައްކަތްކުރާ ވަގުތުތަކަށް ފަހެލިކަމެއް (ފްލެކްސިބިލިޓީ) ގެނެސް ވަޒީފާ އާއި ދިރިއުޅުމުގެ އެހެނިހެން ކަންތައްތައް ހަމަހަމަކަމާ އެކީގައި ގެންދިޔުމަކީ އަޅުގަނޑުމެންގެ ސަގާފަތާއި ހިންގުމުގެ މުހިންމު ބަޔަކަށް ހަދަން. އެންމެ ރަނގަޅަށް އަމަލުކުރާ ވަޒީފާދޭ ފަރާތްތަކުން ވަޒީފާގެ ގަޑިތަކަށް ލުއިފަސޭހަ އުސޫލެއް އޮންނަނީ ކަނޑައަޅާފައި، ކުޑަކުދިންނަށް ޚާއްސަ ސެންޓަރުތައް ވަނީ ގާއިމުކޮށްފަ، އަދި ބެލެނިވެރިންނަށް ވުމުން ކެރިއަރ މެދު ކަނޑާލުމަށްފަހު އަލުން ވަޒީފާއަށް ވަދެވޭނެ ނިޒާމެއް ހަމަޖެހިފައި އޮވޭ. މި ދެންނެވި ފިޔަވަޅުތަކުގެ ސަބަބުން އާއިލީ ޒިންމާތައް ނެގުމަށް އެހީތެރިކަމާ އެއްބާރުލުން ލިބި ނަތީޖާއެއްގެ ގޮތުން ކުދިންލިބުމަށްފަހުގައިވެސް ވަޒީފާއަށް ނިކުންނާނެ އަންހެނުން އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދޭ.”
“ބޭންކް އޮފް މޯލްޑިވްސްގައި އަންހެނުންނާއި ފިރިހެނުންގެ ތފާތެއް ނުބާއްވާއިރު، ބޭންކުގެ އިސް މަގާމުތައް އަދާކުރުމަށް އަންހެނުންނަށް އެއްވެސް ހުރަހެއް ނެތުމަކީ އަޅުގަނޑު ވަރަށް ހިތްހަމަޖެހޭކަމެއް. ބޭންކުގެ އެގްޒެކެޓިވް ޓީމުގައި 4 އަންހެން ބޭފުޅުން ހިމެނޭކަމީ މީގެ ހެއްކެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އަންހެނުންނާ އަދި ފިރިހެނުންނަށްވެސް ވަޒީފާ އާއި ޢާއިލީ ދިރިއުޅުމުގެ ކަންތައްތަކުގައި އިތުރު އެހީތެރިކަމާއި އެއްބާރުލުމެއް ދެވިދާނެ. އަޅުގަނޑުމެން އުއްމީދުކުރަނީ ކައިރި މުސްތަޤްބަލެއްގައި ބޭންކުން ވަޒީފާގައި ފަހެލިވަގުތުތަކެއް ކަނޑައަޅައި ޕާރޓް ޓައިމް ވަގުުތުތަކެއް ހަމަޖެހިގެންދާނެކަމަށް. އަދި ބައެއް ހާލަތްތަކުގައި ގޭގައި ތިބެގެން މަސައްކަތް ކުރެވިދާނެ ފުރުސަތު ހޯދައިދެވިދާނެ ގޮތްތަކާ މެދު މިދަނީ ވިސްނަމުން.”
މިއަދުގެ ބައްދަލުވުމުގައި ބޭންކުގެ ސީއީއޯ ފާހަގަކުރެއްވި ގޮތުގައި މުވައްސަސާތަކުން އަންހެނުންނަށް އެކަށީގެންވާ ފުރުސަތު ހޯދައި ނުދިނުމުން ދައްކުވައިދެނީ ހަމައެކަނި އަންހެނުންނާ ދޭތެރޭ ތަފާތުކުރުން ގެންގުޅޭކަން ނޫން ކަމަށާ އަދި އޭގެ އިތުރުން އެ މުވައްސަސާތަކުގެ ކުރިއެރުމަށްވެސް ގެއްލުން ލިބިގެންދާނެކަމަށެވެ.
“އަންހެނުންނަކީ އާބާދީގެ ދެބައި ކުޅަ އެއްބައި އެހެންކަމުން އެއީ އަޅުގަނޑުމެންނަށް ލިބޭ ހުނަރުގެވެސް ދެބައި ކުޅަ އެއްބައި. އެހެންކަމުން ގައުމެއްގެ ކުރިއެރުން ވަރަށް ބޮޑަށް ބިނާވެގެންވަނީ އެ ގައުމެއްގައި އަންހެނުންގެ ދައުރު ބޭނުންކުރެވޭ ގޮތެއްގެ މައްޗަށް. ދިވެހިރާއްޖެއަކީ ތަޢުލީމީ ގޮތުން އަންހެނުންނާއި ފިރިހެނުން ވަރަށް ހަމަހަމަ ގައުމެއް. އަންހެނުން ވަޒީފާއަށް ނިކުންނަ މިންވަރު އިތުރުކުރުމާއި އިސްމާގުތައް އަދާކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަކީ މުޅި ގައުމަށްވެސް އޭގެ ލާބަ އާއި މަންފާކުރާނެ ކަމެއް.”