ޑިޒާސްޓަރ މެނޭޖްމެންޓް ޕްލޭނިންގ ވޯކްޝޮޕެއް ކުޅުދުއްފުށީގައި ފަށައިފި އެވެ.
ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން 5 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމާބެހޭ ގޮތުން މި ނޫހަށް މައުލޫމާތު ދެއްވަމުން ދިވެހި ރެޑްކްރެސެންޓްގެ އީޕީއާރް އޮފިސަރ އަދި މި މަސައްކަތު ބައްދަލުވުމުގެ ޓްރެއިނާރ ސޯނަތު އަބުދުއް ސައްތާރު ވިދާޅުވީ މި ވޯކްޝޮޕަކީ ކާރިސާތަކަށް މީހުން ތައްޔާރުކުރުމަށާއި އެފަދަ ހާލަތެއްގައި ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މައުލޫމާތުދިނުމަށް ކުރިއަށް ގެންދެވޭ ބައްދަލުވުމެއް ކަމަށެވެ.
ސޯނަތު ވިދާޅުވީ މި ވޯކްޝޮޕް އަމާޒުކުރެވިފައިވަނީ މުއައްސަސާތަކުގެ ބޭފުޅުންނަށް ކަމަށާއި އެގޮތުން ރެޑްކްރެސެންޓުން ކުޅުދުއްފުށީގެ ހުރިހާ މުއައްސަސާތަކަށް ސިޓީ ފޮނުވައިގެން 14 މުއައްސަސާއަކުން މި ބައްދަލުވުމުގައި ބައިވެރިވެފައިވާ ކަމަށެވެ.
މި ވޯކްޝޮޕްގައި ކުޅުދުއްފުށީގެ 14 މުއައްސަސާއަކުން 26 ފަރާތުން ބައިވެރިވެފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ 18 ފިރިހެނުންނާއި 8 އަންހެނުންނެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ފެށި މި ވޯކްޝޮޕް މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ވޯކްޝޮޕްގެ ބައިވެރިންނަށް ހަނދާނީ ލިޔުންދީ ވޯކްޝޮޕް ނިންމުމުގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5 ދުވަހު އެވެ.