އެތެރޭގެ އުދުހުންތަކުން ދިވެހިންގެ އަތުން ނަގަމުން އަންނަ ޓޫރިޒަމް ގްޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި ނަގަމުން އައި 12 އިންސައްތަ ޓެކްސްގެ ބަދަލުގައި ކުރިންވެސް ނަގަމުން އައި ގޮތަށް 6 އިންސައްތަ އަށް ބަދަލުކޮށްފި އެވެ.
މީރާއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ 2 އޮކްޓޫބަރު 2011 އިން ފެށިގެން އަމަލުކުރަމުން އަންނަ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 1 ޑިސެމްބަރ 2014 ގައި ގެނެވުނު އިސްލާހާ ގުޅިގެން ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުން ދިވެހިންގެ އަތުން ޖީއެސްޓީ ނަގާނީ %6 ގައި ކަމަށެވެ.
އަދި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނެވުނު ތިންވަނަ އިސްލާހު ރައީސް ތަސްދީގު ކުރެއްވުމުން ޓޫރިޒަމް ދާއިރާއިން ހިދުމަތް ދޭ ތަންތަނުގައި މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގާ ފިހާރަ، ރެސްޓޯރަންޓް އަދި ބާރ ފަދަ ތަންތަނުން ވެސް ޖީއެސްޓީ ނެގުމަށް ކަނޑައަޅާފައިވަނީ 6 އިންސައްތައިގެ ރޭޓުން ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
މިހާރު ދިވެހިންގެ އަތުން ޖީއެސްޓީގެ 6 އިންސައްތަ ނަގަމުން އަންނައިރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަތުން ޖީ.އެސް.ޓީ ނެގޭނީ %12 ގެ ރޭޓުން ކަމަށް މީރާއިން ބުނެ އެވެ.
މި ބަދަލާއެކު އެތެރޭގެ އުދުހުންތަކުގެ ޓިކެޓްގެ އަގު ވަނީ ހެޔޮވެފަ އެވެ. އެގޮތުން ކުރިން 1400 ރުފިޔާއަށް ލިބޭ މޯލްޑިވިއަންގެ ހަނިމާދޫ – މާލެ ދަތުރުކުރާ ފްލައިޓްގެ ޓިކެޓްގެ އަގު މިހާރު 1325 އަށް ލިބޭނެ އެވެ.