އެ ރަށަކަށް ތަރައްގީ ހޯދުމަށްޓަކައި އެ ރަށެއްގައި އިގްތިޞާދީ ހަރަކާތް ހިންގަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި މޯލްޑިވްސް ޑިމަކޮރްޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިރޭ ކުޅުދުއްފުށީގައި ބޭއްވި އެ ޕާޓީގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު ނަޝީދު ވިދާޅުވީ ތަރައްގީ ހޯދުމަށްޓަކައި ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކުރުމަށްޓަކައި އިގްތިޞާދީ ހަރަކާތް ހިންގަންޖެހޭނީ އެމީހެއްގެ ދިރިއުޅޭ ރަށުގަ ކަމަށާއި ކައިރީގަ އޮންނަ ފަޅު ރަށުގައި އިގްތިޞާދީ ހަރަކާތް ހިންގުމުން ލިބުނު މަންފާއާއި ނަފާ ފަތުރުވެރިކަމުގެ ދާއިރާގެ 40 އަހަރުން ފެންނަމުންދާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ދުނިޔޭގައި 7 ތަރީގެ ރިސޯޓް އެންމެ ގިނަ އަތޮޅު ކަމަށްވާ އަރިއަތޮޅަކީ އެންމެ ފަގީރުންވެސް ގިނަ އަތޮޅު ކަމަށާއި އެ ރިސޯޓްތަކުން ކައިރީގައި ހުރި ރަށްތަކަށް މާބޮޑު ފައިދާއެއް ކުރަމުންނުދާ ކަމަށާއި އިތުރުވަނީ ސަރުކާރުގެ އާމްދަނީ ކަމަށެވެ.
“އެންމެ ބޮޑަށް ގަބޫލުކުރަންވީ ހަގީގަތަކީ ރަށެއްގެ ތަރައްގީ ހޯދުމަށްޓަކައި ރަށުގާ އިގްތިޞާދީ ހަރަކާތް ހިންގަންޖެހޭކަން. ޓޫރިސްޓް މަސައްކަތް މި ރަށްރަށުގައި ކާމިޔާބުކަމާއެކު ހިންގެން އެބައޮތް. ކައިރީގަ ހުރި ފަޅު ރަށްތަކުގައިވެސް ހުރީ މި ރަށުގައިވެސް ގުދުރަތީ ވަސީލަތްތައް.” ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ ގެސްޓް ހައުސް ވިޔާފާރީން މާފުއްޓަށް ލިބިފައިވާ ތަރައްގީ އާއި ކުރިއެރުން ފާހަގަކޮށްފަ އެވެ.
ރަށްރަށަށް ލިބިފައިމިވާ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފުމަކީ މުހިންމު ކަމެއް ކަމަށާއި މިކަން ކުރުމަށްޓަކައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަކީ މަޖުބޫރު ކަމެއް ކަމަށް ކުރީގެ ރައީސް ވިދާޅުވި އެވެ.
“ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުން މަޖުބޫރު. ހަނިމާދޫ އެއާޕޯޓަށް ބޭރުގެ ބޯޓް ފަހަރު ޖެއްސި އެ ބޯޓް ފަހަރުން މި ސަރަހައްދަށް ޓޫރިސްޓުން އުފުލޭނެ ގޮތްތައް ހޯދަންޖެހޭ.” ނަޝީދު ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ހދ އަތޮޅު ކައުންސިލުން އިސްނެގުމަށް އިލްތިމާސްކުރައްވާ ކަމަށާއި އެމްޑީޕީ ސަރުކާރުން ލާމަރުކަޒީ ނިޒާމް ގާއިމްކޮށް އެ ނިޒާމުގެ ދަށުން މަސްއޫލިއްޔަތާއި ވާޖިބުތައް ކައުންސިލްތަކާ ހަވާލުކުރީ މިފަދަ މަސައްކަތްތައް ކުރުމަށް ކަމަށްވެސް އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ޖަލްސާގައި އެމްޑީޕީގެ ރައީސްގެ އިތުރުން އެ ޕާޓީގެ ޗެއާރ ޕާސަން އަލީ ވަހީދާއި އެމްޑީޕީގެ ނައިބު ރައީސް ޝިފާޒާއި މަޖިލިސް މެމްބަރުން ކަމަށްވާ ރޮޒޭނާ އާދަމާއި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް ހަސަން ސުޖާއުގެ އިތުރުން ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވާހަކަ ދެއްކެވި އެވެ.
މި ޖަލްސާގައި އެމްޑީޕީގެ އިސްބޭފުޅުންނާއި ކުޅުދުއްފުށި ކައުންސިލް މެމްބަރުންނާއި އަތޮޅު ކައުންސިލްގެ މެމްބަރުން އަދި ކުޅުދުއްފުއްޓާއި ކައިރި ރަށްރަށުގެ އާންމު މެމްބަރުން ބައިވެރިވެފައިވެ އެވެ.