-ދިއްދޫއިން ނާޒިމް ހަސަން-
ސަރުކާރުގެ ހާރިޖީ ސިޔާސަތު ވަނީ އޭގެ ގުދުރަތީ ހަމަތަކުން ނެއްޓިފައި ކަމަށް ވިދާޅުވެ ސަރުކާރުގެ ހާރިޖީ ސިޔާސަތަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.
ރޭގެ ދިއްދޫގައި ބޭއްވި ހާއްސަ އެމްޑީޕީގެ ހާއްސަ ޖަލްސާގައި ނަޝިދު ވަނީ ސަރުކާރަށާއި ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު ފެއިލީއަކީ ހާރިޖީ ސިޔާސަތު ކަމަށާއި ދިވެހީންނަށް ފައިދާހުރި ހާރިޖީ ސިޔާސަތެއް ގާއިމުކުރުމަށް މި ސަރުކާރުން ނުކުޅެދިފައިވާ ކަމަށެވެ.
“ފެނިގެންދަނީ ހާރިޖީ ސިޔާސަތު އޭގެ ގުދުރަތީ ހަމައިން އާންމު އުސޫލުތަކުން ނެއްޓިގެންދާތަން. ދިވެހިންނަށް ފައިދާހުރި ހާރިޖީ ސިޔާސަތެއް ގާއިމުކުރުމަށް މި ސަރުކާރުން ނުކުޅެދިފައިވާތަން.
އިންޑިޔާއަކީ ކަނޑުގެ އެންމެ ބޮޑު ބާރު ކަމަށާއި ރާއްޖޭގެ އެންމެ ޒަމާންވީ ގާތް އެކުވެރިޔާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖެއަށް ދިމާވާ ކޮންމެ މުސީބަތެއްގައިވެސް އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި އެ ކަންކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
“އިންޑިޔާއަކީ އިންޑިޔާގެ އެންމެ ބޮޑު ބާރު އިންޑިޔާއަކީ އަޅުގަންޑުމެންގެ ޒަމާންވީ އެކުވެރިޔާ ރަހުމަތްތެރިޔާ. ރާއްޖެއަށް ދިމާވާ ކޮންމެ މުސީބާތެއްގައި އިންޑިޔާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުން. މި ކަންކަން ހަނދާނުގައި ބަހައްޓައިގެން ނޫނީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ގާއިމުކޮށްގެން ނުވާނެ. އަޅުގަނޑުމެންގެ ދިވެހީންގެ އާންމު ހާލަތާއި ކަންކަން ރަނގަޅުކުރުމަށް ބާރުއަޅާ ސިޔާސަތަށް ވާންވާނެ.” ނަޝީދު ވިދާޅުވި އެވެ.
މާލެއަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ލުއެއް ހޯދައިދިނުމަށް އިންޑިޔާ ސަރުކާރުން މިހާރު ވަނީ 5 މަތިންދާބޯޓުން ފެން ގެނެސްދީފަ އެވެ. މާލޭގެ ރައްޔިތުން ފެނަށް ޖެހިފައިވާއިރު ރާއްޖޭގެ ގިނަ ރަށްތަކުގައި ސާފު ބޯފެން ލިބެން ނެތް ކަމަށްވެސް ކުރީގެ ރައީސް ވިދާޅުވި އެވެ.
މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކަށް މިހާރު ސާފު ބޯފެން ނުލިބޭ ކަމަށާއި ފެން ނުލިބި މާލޭގެ ރައްޔިތުން ހާލުގައި ޖެހިފައިވާއިރު ރަށްރަށުގެ ރައްޔިތުންނަށް ސާފު ބޯފެން ނުލިބި އުޅޭ ހާލު އެ މަނިކުފާނު ހަނދާންކުރައްވާ ކަމަށް ވިދާޅުވި އެވެ.
“ފެން ރާއްޖޭގެ ގިނަ ރަށްރަށުގައި ނެތް. ރާއްޖޭގެ އާބާދީގެ ގިނަ ރަށް ސާފު ބޯފެން އަޅުގަންޑުމެންނަށް ނުލިބޭ މިހާރު.” ނަޝީދު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވުމުން ރޮޒޭނާވެސް ވަނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށާއި ފޮރިން މިނިސްޓަރ ދުންޏާ މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އަދި މީގެއިތުން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާރ ޕާރސަން އަލީ ވަހީދު ވަނީ ރައީސް މައުމޫނަށާއި އެ މަނިކުފާނުގެ އާއިލާއަށް ވަރަށް ބޮޑަށް ފާޅު ވިދާޅުވެފަ އެވެ. އަދި އެމްޑިޕީއަކީ ޑިމަކޮރެޓިކް ޕާޓީއެއް ކަމަށާއި ނަމަވެސް ޕާޓީގެ އުސޫލުތަކާ ހިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ ނުސީދާގޮތުން ރީކޯ މޫސާމަނިކަށް ވަނީ އިންޒާރުދެއްވާފަ އެވެ.
ރައީސް ނަޝީދު ކުޅުދުއްފުއްޓަށާއި ދިއްދޫއަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން ދިއްދޫގައި ބޭއްވި ޖަލްސާގައި އެމްޑިޕީގެ އިސްބޭފުޅުންނާއި ދިއްދޫގެ އާންމު މެމްބަރުންނާއި އެހެން ރަށްރަށުގެ ގިނަ އަދަދެއްގެ އާންމު މެމްބަރުން ބައިވެރިވެފައިވެ އެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު މާލެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ.