ކުށް މަދުކުރުމަށް ފުލުހުން ފަށައިގެން އުޅޭ “އަމާންވެއްޓަކަށް ބޮޑުތިލަދުންމަތި” ޕްރޮގްރާމުގެ ދަށުން ހދ ނޭކުރެންދޫގެ ރައްޔިތުންނަށް ޓްރެފިކާ ބެހޭގޮތުން މައުލޫމާތުދީ ދޮރުން ދޮރަށް ކެންޕޭނެއް ހިންގައިފި އެވެ.
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ނޭކުރެންދޫގެ 36 ގެއަކަށް ފުލުހުން ޒިޔާރާތްކޮށް މައުލޫމާތުދީފައިވެ އެވެ.
މި މަހުގެ 6 ވަނަ ދުވަހު ނޭކުރެންދޫގެ ރައްޔިތުންނަށް ޓުރެފިކް ގަވާއިދާ ބެހޭގޮތުން މައުލޫމާތުދެވިފައިވާއިރު 7 ވަނަ ދުވަހު ވަނީ ދޮރުން ދޮރަށް ކެންޕޭނެއް ހިންގާ ކުށްކުރާ މީހުންނަކީ ކޮބައިކަމާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުށް ހުއްޓުވޭނެ ގޮތްތަކުގެ އިތުރުން ގެވެށި އަނިޔާއާ ބެހޭގޮތުން މައުލޫމާތުދީފަ އެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ބުނެފައިވަނީ މި ހަރަކާތަށް ނޭކުރެންދޫއިން ބޮޑު ތަރުހީބަކާއި އެއްބާރުލުމެއް ލިބުނު ކަމަށާއި އެ ރަށުގައި ފުލުހުން ހިންގި ހަރަކާތްތަކުގެ ނަތީޖާ ރަނގަޅު ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށެވެ. އަދި ފުލުހުންނާ ދޭތެރޭ އެ ރަށުގެ ގިނަ ރައްޔިތުން ދެކެފައިވަނީ ރަނގަޅަށް ކަމަށްވެސް އެ ފަރާތުން މައުލޫމާތުދެ އެވެ.
މި ޕްރޮގްރާމުގައި އަޕާރ ނޯތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ނަސްރުﷲ ޖަލީލުގެ އިތުރުން ހދ އަތޮޅު ކޮމާންޑަރ އަހުމަދު ނަސީމް އަދި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ޓްރެފިކް ޔުނިޓް އަދި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފައިވެ އެވެ.
ފުލުހުން ބުނީ މި ހަރަކާތް ނޭކުރެންދޫގައި ކާމިޔާބު ކަމާއިއެކު ގެންދެވުނީ ހދ އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަބުދުލް މުހައިމިނާއި ނޭކުރެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިޒާން އަދި ނޭކުރެންދޫ ކައުންސިލްގެ އެހެން މެމްބަރުންގެ އެއްބާރުލުމާއެކު ކަމަށެވެ. އެހެންކަމުން ޔޫއެންޕީޑީ ގެ ކޮމާންޑަރާއި ހދ އަތޮޅުގެ ކޮމާންޑަރ ވަނީ އެ ފަރާތްތަކަށް ޝުކުރުއަދާކޮށްފަ އެވެ.
ޑިސެމްބަރ 1 ން 31 ކުރިއަށް ގެންދާ “އަމާންވެއްޓަކަށް ބޮޑުތިލަދުންމަތި” ޕްރޮގްރާމްގެ ދަށުން އަތޮޅުގެ އެހެން ރަށްރަށުގައިވެސް ހަރަކާތްތައް ހިންގުމަށް ރޭވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި ޕްރޮގްރާމުގެ ދަށުން ކުޅުދުއްފުށީގައިވެސް މީގެކުރިން ވަނީ ހަރަކާތްތަކެއް ހިންގާފަ އެވެ.