ދިވެހިރާއްޖޭގައި 40 އަހަރުވީ ރަންބިސް އަޅާ ކުކުޅަކީ ހދ އަތޮޅަށް ބީރައްޓެހި ކުކުޅެއް ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި އެމްޑީޕީއިން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު ނާޒިމް ވިދާޅުވީ ހދ އަތޮޅަކީ ދިވެހިރާއްޖޭގެ ނިސްބަތުން ބޮޑު އާބާދީއެއް ހިއްސާކުރާ ނަމަވެސް އިގްތިޞާދީ ގޮތުން ވަރަށް ފަގީރު އަތޮޅެއް ކަމަށާއި އަތޮޅުގެ އާބާދީގެ ގޮތުގައި 25000 އަށް ވިރެ ގިނަ މީހުން ތިބިއިރު ދިވެހިރާއްޖޭގައި 40 އަހަރުވީ ރަންބިސް އަޅާ ކުކުޅަކީ ހދ އަތޮޅަށް ބީރައްޓެހި ކުކުޅެއް ކަމަށެވެ.
“ހިތް ފަސޭހަ މޫދާއި އެހާމެ ރީތި ދޮންވެލި ތުނޑިތަކުން މި އަތޮޅުވަނީ އިންޑިޔާގެ ކަނޑުން މަހުރޫމްވެފައި. އެހެން އަތޮޅުތަކުން ދޮންވެލި ތުނޑިތަކުން ނަފާ އާއި މަންފާ ހޯދަމުންދާއިރު އަޅުގަނޑުމެން މިވަނީ އެކަމުން މަހުރޫމްވެފައި.” ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މިހާތަނަށް މި އަތޮޅުގެ ދޮންވެލި ފަސްގަނޑަކުން މި އަތޮޅުގެ ރައްޔިތަކަށް އެންމެ ޑޮލަރެއްވެސް ލިބިފައިނުވާ ކަމަށާއި މިއީ މި އަތޮޅުގެ ރައްޔިތުން ވިސްނާ ހައްލެއް ހޯދަން ޖެހިފައިވާ ކަމެއް ކަމަށެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއިން ތައާރަފުކުރި ގެސްޓް ހައުސް ވިޔަފާރީގެ ސިޔާސަތަށް މި އަތޮޅުގެ ގިނަ އަދެއްގެ ޒުވާނުން ޝައުގުވެރިވި ކަމަށާއި އެ ވިޔަފާރި މި އަތޮޅުގެ ޒުވާނުން ފެށި ކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެންނަމަވެސް މިއަދު ސަރުކާރުން މިކަމަށް އެއްބާރުލުމާއި ސަމާލުކަން ނުދިނުމުގެ ސަބަބުން އެ ޒުވާނުންނަށް އެ ވިޔަފާރި ނުކުރެވި އެކަން ހުއްޓާލާފައިވާ ކަމަށް މެމްބަރ ވިދާޅުވި އެވެ.
“2013 ވަނަ އަހަރު ރިޔާސީ އިންތިހާބު ތެރެއިން އެމްޑީޕީއިން ތައާރަފުކުރި ގެސްޓް ހައުސް ވިޔަފާރީގެ ސިޔާސަތުގެ ދަށުން މި އަތޮޅުގެ ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ޝައުގުވެރިވި. އެ ސިޔާސަތު ވެގެން ދިޔައީ މި އަތޮޅުގެ ޒުވާނުންނަށް ވަރަށް ބޮޑު އުއްމީދަކަށް. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެ އުއްމީދާއެކު އެ މަސައްކަތް މި އަތޮޅުގައި ގިނަ ޒުވާނުން ފެއްޓި މަންޒަރު އެހެން ނަމަވެސް މި ޕާޓީގެ ސިޔާސަތު މި ރާއްޖޭގައި ތަންފީޒުކުރާނެ ފުރުސަތު ބާރުވެރިކަން ނުލިބުނީތީވެ އެ ޒުވާނުން ކުދިން އެ މަސައްކަތް ހުއްޓި ސަބަބަކަށްވީ އަދުގެ ސަރުކާރުން އެކަމަށް ސަމާލުކަން ނުދޭތީ.” ނާޒިމް ވިދާޅުވި އެވެ.
ހދ އަތޮޅަކީ ރިސޯޓެއް ތަރައްގީކުރެވިފައިނުވާ ހަމައެކަނި އަތޮޅަށްވާއިރު ފަތުރުވެރިކަން ތަރައްގީ ކުރުމަށް މިއަތޮޅުން މީހުން ދިރިއުޅޭ ރަށެއްގެ ބަޔަކާއި 3 ފަޅުރަށް ވަނީ ކުއްޔަށްދީފަ އެވެ. މިރަށްރަށުގެ ތެރޭގައި 12 އަހަރު ވެފައިވާ ރަށްރަށް ހުރިއިރު މިއަދު ސަރުކާރުން ވަނީ ހދ އަތޮޅުގެ ދިއްޕޮޅުފުއްޓާއި ވައިކަރަމުރައިދޫ އާއި ކަނަމަނަ އަދި ކުޑަމުރައިދޫގެ އިތުރުން ކޭލަކުނާއި ކަނަމަނަ ކައިރީގައި އޮންނަ ފަޅެއް ކަމުގައިވާ ކުޑަފަރުފަސްގަނޑު ފަތުރުވެރިކަން ތަރައްގިކުރުމަށް ދޫކޮށްލާނެ ކަމަށް އިއުލާންކޮށްފަ އެވެ.