މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ލެވެލްގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށްޓަކައި އެހޮސްޕިޓަލަށް އިތުރު ކުރުމަށް ހަމަޖެހިފައިވާ އޮޕަރޭޝަން ތިއޭޓަރ އެކްސްޓެންޝަންގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
މި ބީލަން ތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށާއި ޖީސީ01 ގެ ގްރޭޑް 1، 2 ، 3 ، 4 އަދި 5 އަށް ޝަރުޠު ހަމަވެފައިވާ ކޮންޓްރެކްޓަރުންނަށެވެ
އޭގެ އިތުރުން ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި ވިހި ހާސްރުފިޔާއާއި އެކު ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ %5 ހުށަހަޅަންޖެހެ އެވެ. ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 118 ދުވަހެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބޭނެ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން ކުރިއަށް ދާނީ 10 ޑިސެންބަރު 2014 އިން 21 ޑިސެންބަރު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މިނިސްޓްރީ އޮފް ފިނޭންސްގަ އެވެ.
މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 22 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 13:00ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ، ޓެންޑަރ އިވެލުއޭޝަން ސެކްޝަނުގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 12 ޖަނަވަރީ 2015 ވާ ހޯމަ ދުވަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގަ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް މަތިކުރުމުގެ ގޮތުން މުހިއްމު ހަތަރު ޕްރޮޖެކްޓެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހިންގުމަށް ޖުމްލަ 8،459،850 ރުފިޔާ ބަޖެޓެއް އަންނަ އަހަރުގެ ބަޖެޓްގައި ވެސް ވަނީ ހިމަނާފަ އެވެ.