ޕާސްޕޯޓް ހެދުމުގެ ހިދުމަތް އަންނަ އަހަރު ދިއްދޫގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހއ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝާދު ވިދާޅުވެއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން މުހައްމަދު ރަޝާދު ވިދާޅުވީ އެ ކައުންސިލާއި އިމިގްރޭޝަން ގުޅިގެން ދިއްދޫގައި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި މިދިޔަ މަހުގެ 27 ވަނަ ދުވަހު ދިއްދޫއަށް އިމިގްރޭޝަންގެ ސީނިއަރ އޮފިޝަލުންގެ ސާރވޭ ޓީމެއް ޒިޔާރަތްކޮށް އެ ރަށުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މި ހިދުމަތްދެވެން ފެށޭނެ ކަމަށް ބުނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ހިދުމަތް ދިނުމަށް އޮފީހެއް ގާއިމުކުރަނީ ކައުންސިލުން ކަމަށާއި އެ އޮފީސް ގާއިމުކުރެވޭނީ ހއ އަތޮޅުގޭގައި ކަމަށް މުހައްމަދު ވިދާޅުވި އެވެ. އަދި އެ އިމާރާތުގެ ސެކިއުރިޓީ ވަރުގަދަކޮށް ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ޕާސްޕޯޓް ހެއްދުމުގެ ހިދުމަތުގެ އިތުރުން އިމިގްރޭޝަނުން ދޭ އެހެން ހިދުމަތްތައްވެސް ދިއްދޫން ލިބޭނެ ކަމަށާއި އޭގެތެރޭގައި ވިސާ ޖެހުމާއި ބިދޭސީންނާއި ގުޅޭ ހުރިހާ ހިދުމަތެއްވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.