ނޮޅިވަރަންފަރަށް ކަރަންޓު ދޫކުރަމުންގެންދާ ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.
ނޮޅިވަރަންފަރުގެ ކައުންސިލް މެމްބަރު އަދުހަމް ޖައުފަރު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު އިރުއޮއްސުނު ވަގުތުން ފެށިގެން ރަށުގެ އެކި ސަރަހައްދުން ކަރަންޓު ކެނޑެމުންދާ ކަމަށާއި މިހާރުވެސް ރަށުގެ އެއް ހިސާބުގައި ކަރަންޓު ނެތް ކަމަށެވެ.
އިންޖީނަށް ދިމާވި މައްސަލައެއް އަދި ސާފުނުވާ ކަމަށާއި މި މައްސަލަ ހައްލުވާނެ އިރެއްވެސް އިންޖީނުގެއިން އަދި އަންގާފައިނުވާ ކަމަށް އަދުހަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންގެންދާއިރު ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކަކާއި ކުރިމަތިވެފައިވާ ކަމަށާއި ނޮޅިވަރަމްފަރުގެ އާންމު ހާލަތު މިހާރު ވަރަށް ދަށްވެފައިވާ ކަމަށެވެ.
ނޮޅިވަރަންފަރަށް ކަރަންޓުގެ މައްސަލަ މި ދިމާވީ އެ ރަށަށް ވިއްސާރަކޮށް ރަށުގައި ފެން ބޮޑުވެ ބައެއް ސަރަހައްދުތަކުގެ ފެން ތަޣައްޔަރުވެ ނަޖިސް ބޭރުވެ އާންމު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރުއޮތް ދަނޑިވަޅެއްގަ އެވެ.
އަދުހަމް ވިދާޅުވީ ފެނާއި ކަރަންޓު އަދި ނަރުދަމާގެ ނިޒާމުން ނޮޅިވަރަންފަރުގެ ރައްޔިތުން މަހުރޫމްވެފައިވާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް މެނޭޖަރ އާދަމް މުހައްމަދު ވިދާޅުވީ ނޮޅިވަރަންފަރުގައި ކަރަންޓުގެ މައްސަލަ ދިމާވީ އެއް އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ރަށުން އެއްކޮށް ކަރަންޓު ކެނޑިގެންނުދާ ކަމަށާއި ރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑޭނެ ކަމަށް އާދަމް ވިދާޅުވި އެވެ. އަދި މައްސަލަ ހައްލުވާނެ އިރެއް ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.