ހދ. އަތޮޅު ކައުންސިލަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ހޯދުމަށް 13 މެމްބަރުންގެ މައްޗަށް އެކުލެވޭ އެޑްވައިޒަރީ ބޯޑެއް އުފެއްދުމަށް ނިންމައިފި އެވެ.
މި ބޯޑަކީ އަތޮޅު ކައުންސިލާ ހަވާލުކޮށްފައިވާ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ގޮތުން އަތޮޅުގެ ތަޢުލީމާއި، ސިއްޙީ ދާއިރާގެ ހާލަތު ދެނެގަތުމާއި، ތަޢުލީމީ ދާއިރާ އާއި ސިއްޙީ ދާއިރާގެ ކަންކަން އަތޮޅު ފެންވަރުގައި ތަރައްޤީކުރުމަށް ބޭނުންވާ ލަފަޔާއި މަޝްވަރާ ދިނުމަށްޓަކައި އެކުލަވާލެވިފައިވާ ބޯޑެއް ކަމަށް އެކައުންސިލުން މައުލޫމާތު ދެ އެވެ.
މިބޯޑު އެކުލަވާ ލެވިގެންވަނީ ތަޢުލީމީ ދާއިރާއިން އައްޔަންކުރެވޭ 5 މެންބަރުންނާއި ސިއްޙީ ދާއިރާއިން އައްޔަންކުރެވޭ 5 މެމްބަރުންގެ އިތުރުން ކައުންސިލު މެމްބަރުންގެ ތެރެއިން އައްޔަންކުރެވޭ 3 މެންބަރުންނެވެ. އަދި ހަމަ އެއާއެކު ބޯޑުގެ އިދާރީ މަސައްކަތްތައް ހިންގުމަށްޓަކައި ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އާއި އެޑްމިން އޮފިސަރެއް ނޮން ވޯޓިން މެންބަރުންގެ ގޮތުގައި ހިމެނޭނެ އެވެ.
މި ބޯޑުގެ މަސްއޫލިއްޔާތުތަކުގެ ތެރޭގައި ސްކޫލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ މިޞްރާބު މިހާރަށްވުރެ ރަގަޅު ކުރުމާއި ސްކޫލުތަކުގައި ދެވޭ ތައުލީމާއި ތަރުބިއްޔަތާއި ގުޅުންހުރި އެންމެހާ ކަންތައްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް ކަމާބެހޭ އިދާރާތަކަށް ދޭންޖެހޭ އެހީތެރިކަންދިނުން ހިމެނޭނެ ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ސްކޫލުތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޙާލަތު ދެނެގަނެ ސްކޫލުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުން ވެސް މި ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.
ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ރަށްރަށުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒްތަކުން ދެވޭ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި ޑިޕާޓްމަންޓްތަކުގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން ކުރިއަށްގެންދިޔުމަށް ކަމާބެހޭ އިދާރާތަކަށް ދޭންޖެހޭ އެހީތެރިކަންދިނުމާއި ރަށްރަށުގެ އާންމު ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ރާވާ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފަންނީ އަދި ޓެކްނިކަލް އެހީތެރިކަން ދިނުން ހިމެނެ އެވެ. އަދި ސްކޫލުތަކާއި ސިއްހީ ދާއިރާގެ ކަންކަން ބަލާނެ ހަރުދަނާ މޮނިޓަރިންގ ނިޒާމެއް ޤާއިމްކުރުމާއި އެދާއިރާތަކަށް ކަނޑައެޅިފައިވާ ބަޖެޓްގެ އިތުރަށް އެތަންތަނަށް މާލީ އެހީތައް ހޯދުމަށްޓަކައި ހަރަކާތްތައް ރާވާ ހިންގުމުގައި އެހީތެރިވެދިނުން ވެސް މި ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.