ޑެޕިއުޓީ ޕްރިންސިޕަލުން މަގާމުން ވަކި ނުކުރުމަށް ނިންމަވައިފި ކަމަށް މިއަދު އެޑިއުކޭޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި ހާމަ ކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޝިހާމް ވިދާޅުވީ ސިސްޓަމް ތެރޭގައި ތިއްބެވި ތައުލީމީ ވަޒީފާއަށް ގާބިލް ބޭފުޅުން ވަޒީފާގައި ބޭތިއްބެވުމަށް މިހާރު ރައީސް ޔާމިން ނިންމަފައިވާ ކަމަށެވެ.
އާއިޝަތު ޝިހާމް އިތުރަށް ވިދާޅުވީ ކުދިން ބަލަހައްޓާ ފަރާތަކީ ގާބިލް ބަޔަކަށް ވުމުގެ މުހިންމުކަމަށާއި އެގޮތުން މި ވަޒީފާއަށް ގާބިލް ބޭފުޅުންނަށް ފުރުސަތު އޮންނާނެ ކަމަށެވެ.
އޭގެ އިތުރުން އިތުރު ބޭފުޅުން ތަމްރީން ކުރުމުގެ ފުރުސަތުތައް ވެސް ފަހި ކޮށްދޭނެ ކަމަށް އާއިޝަތު ޝިހާމް ވިދާޅުވި އެވެ. އެގޮތުން ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުނަށް ހާއްސަކޮށްގެން ތަމްރީން ދިނުމުގެ އެކި ހަރަކާތްތައް އަންނަ އަހަރު ވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ޑެޕިއުޓީ ޕްރިންސިޕަލުން ވަކިނުކުރަން ނިންމާފައި މިވަނީ އެބޭފުޅުން ވަކިކުރަން މި ހަފުތާގައި ނިންމުމުން އެކަމުގެ ޕްރެޝަރު ވަރަށް ބޮޑަށް ކުރިމަތިވެފައި ވަނިކޮށެވެ. އެހެންނަމަވެސް ޑެޕިއުޓީ ޕްރިންސިޕަލުން މަގާމުން ވަކި ނުކުރުމަށް ނިންމި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.