twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސުނާމީ ހާއްސަ ރިޕޯޓް: ގޭގެތެރޭގައި ލޮނުގަނޑު ހުރީ ކަރުތާފެނުގަ، އަހަރެން މަސައްކަތް ކުރީ ކޮއްކޮމެން ސަލާމަތްކުރުމަށް

Dec 26, 2014

ތެލި ދޮވެގެން ގެޔާ ހަމަޔަށް އައިއިރު ލޮނުގަނޑު ވަނީ ގެޔާހަމަޔަށް ފޯރާފަ އެވެ. އާންމުކޮށް އެ ސަރަހައްދަކީ އުދަ އަރާ ހިސާބަކަށް ވާތީ މާބޮޑު ވިސްނުމެއްނެތި ގެޔަށް ވަދެގެންގޮސް ތެލިތައް ބެހެއްޓުމަށްފަހު ދެން އެނބުރިލި އިރު ލޮނުގަނޑު މުޅިގޭތެރެއަށް ވަންނަނީ އެވެ.

މިއީ ހދ ކުޅުދުއްފުށީ ޒިޔާރަތްދޮށުގެ އާއިޝަތު ހުޒެއިމާއަށް 26 ޑިސެމްބަރ ފެށިގެން އައި ގޮތެވެ. ގޭގައި އިތުރު ބޮޑު މީހެއްނެތި 2 ކޮއްކޮއާއެކު ލޮނުގަނޑުތެރޭގައި އެވަގުތު ހޭދަކޮއްލީ މިވަނީ ކީއްކަން ނޭނގޭ ހާލު ހާސްކަމުގެ ތެރޭގަ އެވެ.

“އެއިރުވެސް ނޭނގޭ މިއީ އުދަ ނޫން ކަމެއް އެވަގުތު ގޭގައި ބޮޑު މީހަކަށް ހުރީ އަޅުގަނޑު، މަންމަ ވެސް ވީ ކޮއްކޮ ބަލިވެ އެޑްމިޓް ކޮށްގެން ހޮސްޕިޓަލްގަ ބައްޕަވެސް ވީ ބޭރުގަ” ހުޒެއިމާ ކިޔާދިނެވެ.

ޒިޔާރަތްދޮށުގެ ބޭރުމަގުމަތި: ސުނާމީ އެއިރު އެގެހިމެނޭ ސަރަހައްދަށް 5 ފޫޓް ހުންނަވަރަށް ލޮނުގަނޑު އެރި–ކުޅުދުއްފުށި އޮންލައިން ފޮޓޯ:ހަދީޖާ

އެއްވެސް އިންޒާރެއްނެތި ގޭތެރެއަށް ލޮނުގަނޑު ވައްދާލި އިރު 4 އަހަރުގެ ކޮއްކޮ އިނީ ޓިއުޝަން ޓީޗަރާއެކު ފިލާވަޅުތައް ހެދުމުގަ އެވެ. އެހެންނަމަވެސް ލިޔަން އިން ފޮތްތަކާ އެކު މުޅިގެ ލޮނުގަނޑުތެރެއަށް ޣަރަގުވީ އިސާހިތަކު އެވެ.

ކަރުތާފެނުގައި ލޮނުގަނޑު ހުރިއިރު 4 އަހަރުގެ ކޮއްކޮ ގޮވައިގެން ހިކި ފަސްތަނެއް ލިބޭތޯ މިސްރަބާ ޖެހިއިރު އެއްވެސް އޯގާތެރި ކަމެއްނެތި ދެވަނަ ރާޅު ގޭގެ ފަހަތު ފާރު ވައްޓާލުމަށްފަހު ކުނި ބުންޏާއެކު ވައްދާލާ އިސްކޮޅު ނުކާ ވަރަށް ލޮނުގަނޑު އިތުރަށް ފުންކޮށްލި އެވެ.

ސުނާމީގައި ވެއްޓިފަ އޮތް ފާރެއް މައްޗަށް އަންހެނަކު އަރައިގެން–ފޮޓޯ: އަހުމަދު މޫސާ

ހިކި ފަސްތަނެއް އަތުޖެހޭ ހިސާބަށް ދެވުނީ ގޭގައި އަލަށް ހަދާފައިވާ ފައިވާ ކޮޓަރިތަކާ ހިސާބުންނެވެ. އެއިރު އަނެއް ކޮއްކޮ އިނީ އެ ކޮޓަރިތެރޭ ޓީވީ ބަލާށެވެ. ކޮޓަރިއަށް ވަނުމަށް ފަހު ދެންބެލީ މީހަކަށް ގުޅޭތޯއެވެ. އެއިރު ހޭޅި ފަށުގައި ހުރި ހުރިހާ ކުންޏަކާއެކު ގޭތެރެ ވަނީ “ކުނި ގޮޑަކަށް” ވެފައެވެ. ފައި އަޅާނެގޮތެއްވެސް ނޭނގޭ ވަރަށް ވަނީ މުޅި ގޭތެރެ ކުނިން ފުރިފަ އެވެ.

މީހެއްގެ ހިލަމެއްވޭތޯ މަގުމައްޗަށް ނިކުއިތް އިރު ހަތަރު ފަރާތުން ފެންނަން އޮތީ މޫދުގެ ލޮނުގަނޑެވެ.

އަފީފުއްދީން ސްކޫލުގެ ގޯތި ތެރެއަށް ލޮނުގަނޑު ވަދެ ހަލާކުވެފަ–ފޮޓޯ: އަހުމަދު މޫސާ

ގޭގައި ނޫޅެވޭނެތީ ހުޒައިމާގެ މުޅި އާއިލާވެސް ޖެހުނީ ވަގުތީ ގޮތުން އެހެންގެޔަކަށް ބަދަލު ވާށެވެ. ސުނާމީ އެރިތާ އެއް ދުވަސް ފަހުން ގެޔަށް އައި އިރު މުޅިގެ ވަނީ އެރި ރާޅާއެކު މުޅިން ސުންނާފަތިވެފަ އެވެ. ކިޔަވަން ގެންގުޅުނު ފޮތްތައް ވަނީ ލޮނުގަނޑު ތެރެއަށްވަދެ އަލުން އަކުރެއް ކިޔަން ނޭނގޭ ވަރަށް ހަލާކުވެފަ އެވެ. ލިބުނު ސެޓްފިކެޓްތަކާއެކު ގޭތެރޭގައި ވާ ހުރިހާއެއްޗެއް ވަނީ އެކަށް ފަނާވެފަ އެވެ.

މިއީ އެދުވަހު ރާއްޖޭގައި ގިނަ ރައްޔިތުން އުޅުނު ހާލެވެ. ހިޔާލަށް ވެސް ކުރިން ގެނެވިފައިނުވާ ސުނާމީ ދިޔައީ އަޅުގަނޑުމެންގެ ޅަދަރިންގެ ހިތުގައި ބިރުވެރި ކަމުގެ ލަކުނު ލައްވާ މުސްތަގުބަލަށްޓަކައި ކުރި އުންމީދު ދޮވެލުމަށްފަހު އެވެ.

ސުނާމީގައި ކުޅުދުއްފުށީ ގެ ގެއެއްގެ ފާރަށް ކަނޑާގެން ގޮސް–ފޮޓޯ: އަހުމަދު މޫސާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355